މިދިޔަ ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނާ މެދު ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި ހޮނިހިރު ދުވަހު ބާއްވާ އާންމު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމަނިކުފާނަށް ބިރުދެއްކުމަށާއި އަގު ވައްޓާލުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކޮމަންވެލްތު ސެކްރެޓްރީ ޖެނެރަލް ކަމަލޭޝް ޝަރުމާ އަށާއި ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ޝަރުމާ އަށާއި ބައިނަލްއަގުވާމީ އެކި ގައުމުތަކުގެ އިސް ލީޑަރުންނަށް ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނާއި ރައީސް ނަޝީދު އެކުގައި ތިއްބަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވެވަޑައިގެންނެވި ވައުދުތަކާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑާ ދޭތެރޭގައި އިހުތިރާމާ އެކު ވަރަށް ރަނގަޅަށް ކަންތައްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ]އެ ދުވަހު[ އާންމުންނަށް ރައީސް ނަޝީދު ދެއްވި އެވެ. އަދި އެތައް ބައެއްގެ ކުރިމަތީގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މި ރާއްޖެ އަށް ޑިމޮކްރެސީ ގެނެސްދިނުމުގައި އަޅުގަނޑު ދެއްކީ ނަމޫނާއެއް ކަމަށެވެ،" ހަވީރަށް ކޮޕީއެއް ލިބިފައިވާ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
މި ސިޓީފުޅުގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނާ ބެހޭ ގޮތުން އެއްވެސް ހެއްކެތް ނެތް ދޮގު ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެމްޑީޕީގެ މެމްބަރަކު ގަރާރެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ބޭނުމަކީ އެ މަނިކުފާނު ޝަރީއަތަށް ހުށަހެޅުން ކަމަށެވެ. އަދި ރައީސް މައުމޫން ދިރިއުޅުއްވި ރިޔާސީ ގަނޑުވަރު، ތީމުގެ އޮޑިޓް ކުރެއްވުމަށް ފަހު އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް އެކުލެވޭ އޮޑިޓް ރިޕޯޓެއް، އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާކަން ވެސް މި ސިޓީފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
"އާންމު އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން އެ ރިޕޯޓް ނެރުނު ވަގުތުގެ ސަބަބުން ވަރަށް ސާފުކޮށް އެނގެ އެވެ. އެ ރިޕޯޓާ ގުޅިގެން އަޅުގަނޑު ވާނީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ވެސް އަރުވާފަ އެވެ،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫނުގެ މި ސިޓީފުޅުގައި އަދި ވިދާޅުވެފައިވަނީ ރާއްޖެ އަށް ޒަމާނީ ޑިމޮކްރެސީ ގެނައުމުގައި އެ މަނިކުފާނު ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން މި ޒަމާނަށް ފެތޭ ގާނޫނު އަސާސީއެއް ވުޖޫދަށް ގެންނެވުމާއި މީޑިއާގެ މިނިވަންކަން ހުޅުވާލެއްވުމާއި ސިޔާސީ އިސްލާހީ އެޖެންޑާއެއް ހުށަހެޅުއްވުމާއި ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ ރިޔާސީ އިންތިހާބު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވިކަން ރައީސް މައުމޫން ފާހަގަކުރައްވާފައިވެ އެވެ. އަދި ސިޔާސީ އިސްލާހީ ޕްރޮގްރާމް ކާމިޔާބު ކުރެއްވުމަށްޓަކައި ކޮމަންވެލްތުގެ ސެކްރެޓްރީ ޖެނެރަލްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ވެސް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑު އެންމެ ކަންބޮޑުވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ބޭނުންފުޅުގައި ރައީސް ނަޝީދު އަޅުގަނޑަށް ބިރުދެއްކެވުމަށްޓަކައި ހިންގަވާ ހަރަކާތްތަކުގެ ސަބަބުން، ސުލްހަވެރިކަމާއި އޮމާންކަމާ އެކު އަޅުގަނޑުމެން މި ގެނައި ޒަމާނީ ޑިމޮކްރެސީ އެގޮތުގައި ދެމިގެން ނުދާނެތީ އާއި ގައުމަށް ގެންނަމުންދާ ޒަމާނީ ޑިމޮކްރަސީ އަށް މި އަމަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީ އެވެ. އެހެންކަމުން އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ގައުމުގައި އާންމު ރައްޔިތެއްގެ ގޮތުގައި ޝަރަފުވެރިކަމާ އެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދެމެވެ،" ސިޓީފުޅު ނިންމަވާލައްވަމުން ބައިނަލްއަގުވާމީ އެކި ލީޑަރުންގެ ކިބައިން މައުމޫން އެދިވަޑައިގެންފައިވެ އެވެ.
މި ސިޓީފުޅާ އެކު ރައީސް މައުމޫން ވަނީ ރިޔާސީ އިންތިހާބަށް ފަހު ރައީސް ނަޝީދާއި އެމަނިކުފާނާ ދެ ބޭފުޅުން އެކުގައި ތިއްބަވައިގެން އޮކްޓޫބަރު 29 ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ކޮޕީއެއް ވެސް ކޮމަންވެލްތުގެ ސެކްރެޓްރީ ޖެނެރަލަށް ފޮނުއްވައިފަ އެވެ.
ބައިނަލްއަގްވާމީ މުޖުތަމައަށް މައުމޫން ފޮނުއްވި ސިޓީފުޅު: "ރިޔާސީ އިންތިހާބަށް ފަހު ވެވަޑައިގެންނެވި ވައުދުތަކަށް ރައީސް ނަޝީދު ވަނ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ