ރައީސް ނަޝީދު ވަކި ކުރީ ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފަށް: އީވާ

ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރީ ސުޕްރީމް ކޯޓުން އެކަމާއި ގުޅުވައިކޮށްފައިވާ ހުކުމާއި ހިލާފަށްކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީ ޕީޕީއެމް ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއެއްގައިވެސް އޭނާއަކީ ނައިބުރައީސްކަމުގެ މަގާމު އަދާކުރެއްވުމުގައި ނާގާބިލު މީހެއްކަމަށް ވިދާޅުވާނެ މެމްބަރަކު ނުހުންނަވާނެކަމަށެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރުން މަޖިލީހުގެ ގަވައިދުތަކާއިވެސް ހިލާފުވެފައި ނޯންނާނެކަމަށާއި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއިވެސް ހިލާފަށް އަމަލުކުރައްވާފައިނުވާނެކަމަށެވެ. އީވާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން ދުރުކުރުމާއި ގުޅުވައި ސުޕްރީމް ކޯޓުން ނެރިފައިވާ ހުކުމްގައި ނައިބުރައީސް އުޒުރުވެރި ހާލަތުގައި އެހެން މީހަކަށް މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތު ބެލެހެއްޓޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އީވާ ވިދާޅުވީ، އެކަން ކުރީ އޭނާ މަޖިލީހުގައި ހާޒިރުވެ ހުންނަވަނިކޮށް އެހެން މެމްބަރެއް ރިޔާސަތުގައި އިންވައިގެންކަމަށާއި އެހެންނަމަވެސް އޭނާ ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފުވެވަޑައިގެންފައި ނޯންނާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދު ރިޔާސަތުން ވަކި ކުރުމަށް ބޭއްވި ބައެއް ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓެވީ އަމީންއާންމު އެކަން ކުރުމަށް އެންގެވުމުންކަމަށާއި އެކަން ކުރެއްވުމަށް ނާންގަވާ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވާފައިނުވާނެކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފުވީ ކޮންބައެއް ކަމާއި އެކަންކުރީ ކޮން މަގުސަދެއް ހާސިލުކުރުމަށްޓަކައިކަންވެސް ކޮންމެވެސް ދުވަހަކުން ހާމަވަގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ނޫސްވެރިއެއްގެ ގަލަން މެދުވެރިކޮށް ނަމަވެސް އެ ދުވަހަކުން އެކަމާއި ގުޅޭ ހުރިހާ މައުލޫމާތުތައް ސާފުވެގެންދާނެކަމަށެވެ.
އީވާ ވިދާޅުވީ، ރައީސް ނަޝީދު ވަކި ކުރުމުގެ ޖަލްސާ ހިންގީ އޭނާ މަޖިލީހުގައި ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ހުކުމާއި ހިލާފަށްކަން ތާރީހަށްޓަކައި ދަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ