މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދިނުމާއި ދެކޮޅަށް މި ސަރުކާރުގެ ބައެއް އިސްވެރިން ވާހަކަތައް ދައްކަވަނީ، ހުޅަނގުގެ ގައުމުތައް ރުއްސުވުމުގެ ބޭނުމުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސްކޫލު ދަރިވަރުންނަށް ކިޔަވަދޭ ޓީޗަރުންގެ މޫނު ފެންނަން ޖެހޭނެކަމަށާއި، މޫނު ބުރުގާ އަޅާ ޓީޗަރުން ވެސް ކުލާހުގައި ތިބެން ޖެހޭނީ މޫނު ނަގައިގެންކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކުގެ ވެރިންނަށް އެޑްރެސްކޮށް ސިޓީ ފޮނުވާފަ އެވެ. އެ މައްސަލަ މީޑިއާތަކުގައި ފެންމަތިވުމުން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް އާއްމުކޮށް ބުނީ ކިޔަވައިދިނުމުގައި ނުވަތަ އުނގަންނައިދޭއިރު ދަރިވަރަށް ފިލާވަޅު ފަހުމްވުމުގައި މޫނުމަތީގެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އެކަމަކު މޫނު ބުރުގާ އަޅާފައި ތިބި ޓީޗަރުންނާއި އެހެން ޓީޗަރުން މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރިވަރުންނަށް އުނގަންނައި ދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ދޭން ބޭނުން ނުވާކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ވެސް ވަނީ، ޓީޗަރުން މޫނު ބުރުގާ އެޅުމާއި ދެކޮޅަށް ބަޔާނެއް އާއްމުކޮށްފަ އެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ ބެލެނިވެރިންނާއި ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކީ އެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދެނީ ކޮން ބައެއްކަން ރަނގަޅަށް ސާފުވާ ގޮތަށް ތިބެން ބޭނުންވާ ބައެއް ކަމަށެވެ. ސްކޫލުތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަން ޖެހޭ އަދި އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަނަކަށްވާއިރު ދަރިވަރުންނާ ބައްދަކުރާ ޓީޗަރުންގެ ފުރިހަމަ ސިފަ ޔަގީން ވާންޖެހޭނެ ކަމަށް އެ ޕާޓީން ދޭކަމަށް ވެސް ވެއެވެ.
ސޯޝަލް މީޑިއާގައި ބޮޑު ބަހުސްއެއް އުފެދިފައިވާ މި މައުޟޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ވާހަކަތައް ދެކެވި، އެމްޑީޕީގެ ކެމްޕެއިން ބެނާތަކާއި، ސްލޯގަންތަކުގައި މޫނު ބުރުގާ އެޅި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ދޭކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް ޓީޗަރުންގެ ދިފާއަށް އެމްޑީޕީގެ މެމްބަރުން އޭރު ވަރަށް ބޮޑަށް ވާހަކަ ދައްކައި، ރައީސް ޔާމީނަށް ފާޑުވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީގެ ބަޔާނާއި އެކު އެމްޑީޕީގެ އިސްވެރިންނާއި، އަދި މަޖިލީހުގެ މެމްބަރުން ވެސް އެއަށް ތާއީދުކޮށް ޓްވީޓު ކުރައްވާއިރު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފަދަ ޓްވީޓުތައް ރީޓްވީޓު ކުރައްވާފަ އެވެ.
މި މައްސަލައަށް އުމަރު ވިދާޅުވީ، އިސްލާމީ ދައުލަތެއް އޮތް ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި އެ ކަން މަނާ ކުރަން މި ސަރުކާރާއި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ބޭފުޅުން ދެއްކެވި ވާހަކަތައް ވެސް ދެކޮޅު ނުޖެހޭކަމަށެވެ.
މިއަދު މި ފެންނަނީ ހުޅަނގުގެ ގައުމުތައް ރުއްސަން ބަޔަކު ހިންގާ އަމަލުތައްކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި މޫނު ބުރުގާއާއި ދެކޮޅަށް ހުޅަނގު ގައުމުތަކަށް ދެއްކެން އޮތީ ކޮން ހުއްޖަތެއްތޯ ވެސް ސުވާލު އުފެއްދެވި އެވެ.
ޓީޗަރުންނަށް މޫނު ބުރުގާ މަނާ ކުރަން އުޅެނީ ހުޅަނގުގެ ގައުމުތައް ރުއްސަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ