ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައިގައި، ބިދޭސީންގެ އެކައުންޓްތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ފަށާނަން: ސަޢީދު

ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައިގައި، ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ގޮތް ބަލަން ވަރަށް އަވަހަށް ފަށާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ގިނަ ފަހަރަށް ބިދޭސީން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ލިބުމުން މިނިސްޓްރީން ގޮސް ބަލައިލާއިރު، އެ ވިޔަފާރިއެއްގެ އަސްލު ވެރި ފަރާތަކީ ދިވެއްސެއްކަން ފާހަގަވާ ކަމަށެވެ. ދެން އާންމުކޮށް ފެންނަ ބިދޭސިއަކީ ގަވައިދާ ޚިލާފަށް މަސައްކަތްކުރާ މީހެއްތޯ ބަލާ ކަމަށާއި، އެ މީހަކީ ގަވައިދާ ޚިލާފަށް މަސައްކަތްކުރާ މީހެއް ނަމަ އިމިގްރޭޝަނުން ފިޔަވަޅު އަޅާ ކަމަށް، ސަޢީދު ވިދާޅުވިއެވެ. މި މައްސަލަ ބިޒްނަސް ކައުންސިލަށް ހުށަހަޅައި، ވިޔަފާރިވެރިންނާ މަޝްވަރާކުރުމުން ދިން ލަފަޔަކީ، ސަޢީދު ވިދާޅުވިގޮތުގައި، ބިދޭސީންގެ މީރާ އެކައުންޓާއި ބޭންކު އެކައުންޓުތައް ދައުރުވާ ގޮތް ބެލުމެވެ. "މިހާރު އެކަމަށް ވެސް އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް އެބަ ކުރަން، ދުވަސްކޮޅެއް ތެރޭ އަޅުގަނޑުމެންނަށް އެނގޭނެ އެ ފައިސާ ދައުރުވަނީ ބިދޭސީ އެކައުންޓެއްގަތޯ ނޫނީ ކިހާ ވަރެއްގެ ލިންކޭޖެއް އިނދޭތޯ މި ނެޓްވޯކު ތެރޭގަ މިފަދަ ވިޔަފާރިތައް ހިންގާއިރު،" އޭނާ ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ، ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ ކަމުގެ 409 ޝަކުވާއެއް އިކޮނޮމިކް މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 242 ތަނެއް ބަލައި ފާސްކޮށް، 102 ތަނެއް ބަންދުކުރި ކަމަށް ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުއްދަނޫން ވިޔަފާރި ހިންގާ ކަމަށް 57 ތަނެއް ފާހަގަވި ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފައްތައި، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ. އެ މަސައްކަތުގެ ތިންވަނަ ފިޔަވަހީގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 1،344 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް، ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަސީޙް ވިދާޅުވެފައިވެއެވެ. އެ އޮޕަރޭޝަނާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ހާމަކުރައްވައިފައެވެ. އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖޭން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ލިޔުއްވައިފައެވެ. އެކަމާ ގުޅުވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަމަށާއި، އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް، އިޙްސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ