ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ "ސްކޫލް ގްރާންޓް" މިއަދު ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2024 ވަނަ އަހަރު ދިނުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރެވިފައެވެ.
މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކައުންސިލުން ސްކޫލް ގްރާންޓް ތާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުން ކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މީގެ އިތުރުން އެ ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ގްރާންޓްގެ މައިގަނޑު މަގުސަދެއް ކަމަށް ސިޓީ ކައުންސިލުން ބުނެފަވެއެވެ.
މި ގްރާންޓްގެ ދަށުން 2022 ވަނަ އަހަރު ވެސް އެ ސިޓީގައި ހުންނަ ސަރުކާރުގެ ކޮންމެ ސްކޫލަކަށް 50،000 ރުފިޔާ ސިޓީ ކައުންސިލުން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ