އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރުޖަވާބުދާރީ ކުރުވުމުގެ ބަަދަލުގައި ގާނޫނީ ސަރުކާރު ވައްޓާލަން: ރައީސް ޑރ.މުއިއްޒު

އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރުޖަވާބުދާރީ ކުރުވުމުގެ ބަަދަލުގައި ގާނޫނީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. 
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އޮތުރު ދާއިރާއަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ)ގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންތިހާބު ގާތްވާ ވަރަކަށް ހަމަނުޖެހުންތަކުގެ ތެރެއިން ސަރުކާރު ބަދަލުކުރަން އިދިކޮޅުން ގޮވާލަމުންދާ ކަމަށެވެ. 
ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅުން މީގެ ކުރިން ބުނަމުން އައީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި ނަމަވެސް އިދިކޮޅުން ''ޖަވާބުދާރީ'' ލަފްޒު ބޭނުންކުރަނީ ''ސަރުކާރު ވައްޓާލުން'' ގެ ގޮތުގައި ކަމަށެވެ. ރައީސް ދެއްވި ޔަގީންކަމަކީ މި ފަސް އަހަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމެވެ. 
އިދިކޮޅުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ރައީސް ތުހުމަތު ކުރައްވާފައިވާއިރު، ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއީ ވެރިކަމުގައި ބައިތިއްބަން ހެޔޮވާވަރުގެ ބައެއް ނޫން ކަމަށް ސިފަކޮށް, ވެރިކަން ވައްޓާލަން ޖެހޭ ފަދަ އިޝާރާތެއް ދެއްވާފައެވެ. 
މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ ރައްޔިތުންނަށް މިފަދަ ދުއްތުރާލާއި ތުރާ ދޭން ބޭނުންވާ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ ކަމަށެވެ. އަދި ނުސީދާކޮށް ސޯލިހު ގޮވާލެއްވީ މި ވެރިކަން ވައްޓާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ