މަޖިލީހުގައި މަރުތަޅު އަޅުވައިފި، އެކަން ކުރީ ރައީސްގެ ތަޖުރިބާގެ އަލީގައި: އީވާ

ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަޖުރިބާގެ އަލީގައި ކަމަށް އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލިސް ނާއިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.
"އެޑްވާސް ކޯސް އޮން ޕާލިމެންޓަރީ އޯވަސައިޓް އެންޑް ލެޖިސްލޭޓިވް ސްކްރޫޓަނީ"ގެ ބައިވެރިންނާއި ބައްދަލުކުރައްވާ އީވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެފަދަ ހާލަތެއްގައި މަޖިލިސް ކުރިޔަށް ދިއުމުގެ ޖާގައެއް މަޖިލީހުގެ ގަވާއިދުގައި ނޯންނަ ކަމަށް އީވާ ވިދާޅުވިއެވެ. 
"އެއީކީއެއް ސްޕީކާ [މަޖިލިސް ރައީސް] ކުރައްވާނެ ކަމެއް އެއަކު ނެތް. އަޅުގަނޑު [މަޖިލީހުގެ ނާއިބު ރައީސް] ކުރައްވާނެ ކަމެއް ނެތް. ނިއުޝާ [މަޖިލީހުގެ އަމީން އާއްމު] ކުރައްވާނެ ކަމެއް ނެތް. ފިލްޒާ [މަޖިލީހުގެ ކައުންސިލަރ ޖެނެރަލް] ކުރައްވާނެ ކަމެއް ނެތް. އިޓްސް އިން ރިޓިން ގަވާއިދު [އެއީ ގަވާއިދުގައި އޮތް ގޮތް]،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނާއިބު ރައީސަށް ކަމަށެވެ. އަދި މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ރައީސަށް ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮއްވާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ "ގަސްތުގައި" މަޖިލިސް "މަރުތަޅު" އަޅުވަން ކަމަށް އީވާ ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިހާބަށް ތިން މަސް ވެފައިވާއިރު އެކަން ކުރީ ސަރުކާރުން ބޭނުންވެގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްތުގައޭ، ރިޔާސީ އިންތިހާބަށް ތިންމަސް ދުވަހަށް ވެފައި އޮއްވާ މާދަމާ އަށް ތިންމަސް ވާނެ. ރިޔާސީ އިންތިހާބަށް ތިންމަސް ދުވަހަށް ވެފައި އޮއްވާ ގަސްތުގައި ވިސްނައިގެން އެނގި ހުރެގެންނޭ ޕާލިމަންޓު އެ ޑެޑްލޮކަކަށް [މަރުތަޅު] އެ ގެންދިޔައީ،" އީވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ކުރެއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އާއި ރައީސް ސޯލިހާއި ދެބޭފުޅުން ކަމަށެވެ. އެ ދެބޭފުޅުންނަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިއްބެވި އެންމެ ތަޖުރިބާކާރު ދެބޭފުޅުން ކަމަށް އީވާ ވިދާޅުވިއެވެ.
"އެހެންވީމަ އޮޅުމަކުންނެއް ނޫން ޑެޕިއުޓީ ސްޕީކާ [މަޖިލިސް ނާއިބު ރައީސް] އާއި ސްޕީކާގެ [މަޖިލިސް ރައީސް] މޯޝަން އެއްވަގުތެއްގައި ލާފައި، ގަވާއިދު ރަނގަޅަށް އެނގިވަޑައިގެން ޕާލިމަންޓު ޑެޑްލޮކަކަށް އެ ގެންދެވީ،" އީވާ ވިދާޅުވިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ 50 މެންބަރުންގެ ސޮއިއާއެކުގައެވެ. އިއްޔެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ 54 މެންބަރުންގެ ސޮއިއާއެކުގައެވެ. އަންނަ އާދީއްތަ ދުވަހަށް އީވާގެ މައްސަލަ ތާވަލު ކޮށްފައި ވަނިކޮށް މަޖިލީހުގެ އަމީން އާއްމު ވަނީ އީވާގެ މައްސަލަ ހުށަހެޅުއްވި މެންބަރަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަދިވެސް އެކުލަވާލެވިފައި ނުވާތީ އެ މައްސަލަ މިވަގުތު ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީ އިން ބުނަމުން ދަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަކީ އަބަދުވެސް އޮންނަ ކޮމެޓީތަކެއް ކަމަށާއި މަޖިލީހުން އެހެން ގޮތެއް ފާސް ނުކުރާހާ ހިނދަކު، އާއްމު ކޮމެޓީގެ މެންބަރުން އެ ކޮމެޓީގައި ދެމި ތިބޭނެ ކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ