ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ސިއްހީ ދާއިރާގެ މުސާތަކަށް ގެނައި ހެޔޮ ބަދަލާއި އެކު ޖުމްލަ 3701 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ޕޭ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
މުސާރަ ބޮޑުވާ މަގާމުތަކުގެ ތެރޭގައި، ހޮސްޕިޓަލްތަކާއި ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ އެކި މަގާމުތަކާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގައި މަސައްކަތް ކުރާ މިދާއިރާގެ ފަންނުތަކުގެ މުވައްޒަފުންނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ސުކޫލުތަކަށް އައްޔަން ކޮށްފައި ތިބޭ މިދާއިރާގެ ފަންނުގެ މަގާމުތައް ހިމެނެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލުތަކާއި ގުޅޭ ތަފްސީލް ހިއްސާކުރެއްވުމަށް މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުގެ ޗެއާމަން، ޑރ. ފައިސަލް ވިދާޅުވީ މި ބަދަލުތަކަކީ ދިރާސާތަކެއް ކުރެއްވުމަށްފަހު ބަޖެޓްގައި އެ އަދަދުތައް ހިމެނިގެން ކުރިޔަށް ގެންދަވާ ކަމެއް ކަމަށެވެ.
ސިއްހީ ދާއިރާގެ މުސާރަކަށް ގެންނަ ބަދަލުތަކާއި އެކު މުސާރަ ބޮޑުވާ ދާއިރާތަކުގެ ތެރޭގައި އާ ޕޭ ފްރޭމް ވޯކްގައި ބުނާ ކްރެޓީރިއާއަށް ފެތޭ ދިވެހިން ނެތް ގިނަ މަގާމުތަކެއް ހުރި ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ މިހާތަނަށް ދެވިފައިވާ މުސާރަތަކަކީ އެ މަސައްކަތާއި ނުބައްދަލު ކުޑަ މުސާރަތަކަށް ވާތީ އެލައިޑް ހެލްތްގެ ފަންނުތަކަށް އެކަށީގެންވާ ރަނގަޅު މުސާރައިގެ ކުރިއެރުން މިހާރު އައިސްފައިވާނެ ކަމަށެވެ.
އަދި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީގެ ފެންވަރަށް ކިޔެވުމަށް ބާރު އެޅުމަށްޓަކައި މުސާރައިގައި ފަރަގުތަކެއް ގެންގުޅެފާނެ ހުންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ދާއިރާތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތަކެއްވެސް ހުންނާނީ ކަނޑައަޅާފަ."
އޭގެ އިތުރުން ކެންސަރު ފަރުވާފަދަ ހާއްސަ ދާއިރާތަކަށް ސްޕެޝަލައިޒް ފަންނުވެރިން ބޭނުންވާތީ އެ ފަންނު ތަކަށް ރަނގަޅު މުސާރަތަކެއް ކަނޑައާޅާފައި ހުންނާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި އަތޮޅު ތެރޭގެ ހޮސްޕިޓްތަކަށް ބޭނުންވާ ފަންނުވެރިން ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށްވެސް ރަނގަލު މުސާރަތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.
މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މަގާމުތަކުގެ މުސާރަތަކަށް ގެންނަ ބަދަލުތަކާއި ގުޅޭ މައުލޫމާތު ނޭޝަނަލް ޕޭ ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދެއްވާނެކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ޕޭކޮމިޝަނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ވަރަށް ބުރަ މަސައްކަތެއް ކުރައްވާފައިވާ ކަމަށާއި، އެތަށް ދިރާސާތަކެއް ހައްދަވާފައިވާ ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕޭ ހާމަނައިޒޭޝަންގެ މަސައްކަތާއި އެކު މުވައްޒަފުން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައަޅާ އުޖޫރައިގެ ތަފާތުތައް ނައްތާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ 3701 މުވައްޒަފުންގެ މުސާރަ ބޮޑުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ