ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް އިބްރާހިމް ޝާޒް ކަށަވަރު ކުރައްވައިފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެއާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށް (ގުރައިދޫ، މާފުށި އަދި ގުޅި)ގައި އިއްޔެ ކުރިއަށް ގެންދިޔައިރު، ޕްރައިމަރީގައި ޝާޒްއާ ވާދަކުރެއްވީ އަބްދުﷲ ސައީދާއި މުހައްމަދު މުސްތަފާގެ އިތުރުން ސަލްމާން ރަޝީދެވެ.
ޕްރައިމަރީގައި ވޯޓް ލުމަށް، 844 މީހަކު ރެޖިސްޓްރީ ކޮށްފައިވާއިރު، ވޯޓް ދީފައިވަނީ 590 މީހުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ޝާޒަށް 311 ވޯޓު ލިބިފައިވާއިރު އޭނާއާއި ވާދަކުރެއްވީ އަބްދުﷲ ސައީދަށް ލިބުނީ 15 ވޯޓެވެ. އޭގެ އިތުރުން މުހައްމަދު މުސްތަފާ 66 ވޯޓު އަދި ސަލްމާން ރަޝީދު 190 ވޯޓު ހޯއްދެވިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 13އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓުން ޕީޕީއެމާއި އެމްއެންޕީން ވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްގެ ފަރާތުން މަރުޙޫމް ރިޟާގެ ކޮއްކޮ ހުސައިން ރިޟާ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެމްއެންޕީން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އާރިފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ