ޖޭޕީ އުވާލުމަށް ގާސިމް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ޖުމްހޫރީ ޕާޓީ އުވާލައި ޕާޓީގެ މެމްބަރުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ބަދަލުވުމާ މެދު ހިޔާލު ހޯދަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަ އެޕާޓީން ދޮގުކޮށްފިއެވެ. 
އޮންލައިން ނޫހަކުން މިއަދު ލިޔެފައިވާ ޚަބަރެއްގައި، އިއްޔެ ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީ އުވާލަން ގާސިމް ހުށަހެޅުއްވި ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޖޭޕީ އުވާލަން ގާސިމް ހުށަހެޅުއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ހުށަހެޅުއްވުމުން ކަމަށް ގާސިމް އިއްޔެ ވިދާޅުވި ކަމަށާ، ނަމަވެސް ކައުންސިލުގެ ގިނަ މެމްބަރުން އެކަމާ ދެކޮޅު ހެދުމުން އެ ހުށަހެޅުމަށް ރޭގެ ބައްދަލުވުމުގައި ބަހުސް ނުކުރާ ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. 
އެ ޚަބަރާއި ގުޅިގެން ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިހު މީޑިއާ ތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޚަބަރަކީ ހަގީގަތާއި ޚިލާފު، ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ. 
Advertisement
"ޕާޓީ އުވާލުމުގެ އެއްވެއް ވޯޓެއް ނުނަގާ" ޢަލީ ސޯލިހު ވިދާޅުވި އެވެ. 
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވާދަކުރައްވާފައިވާއިރު އެބޭފުޅާއަށް ލިބިފައިވަނީ އެންމެ 5000 އެއްހާ ވޯޓެވެ. އެހެން ކަމުން އެޕާޓީން ނިންމީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނުޖެހުމަށެވެ. 
ނަމަވެސް އެޕާޓީގެ ބައެއް މެންބަރުން އޭރު ވެރިކަން ކުރަމުންދިޔަ އެމްޑީޕީ ކޮޅަށް ޖެހުނު އިރު ގިނަ މެންބަރުން ތާއީދު ކުރީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށެވެ. އެބޭފުޅުންގެ ތެރެއިން އެއްބައި ބޭފުޅުން މުޢިއްޒުގެ ސަރުކާރުގެ ބައެއް މަގާމު ތަކަށް ވަނީ އައްޔަނު ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ