މަކަރާ ހީލަތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރަން ކްރިމިނަލް ކޯޓުން ހުއްދަ ދިން މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށްފަހު މައިބަދައިގެ އޮޕަރޭޝަނަކަށް ދާން އެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުން އޭނާއަށް ފުރުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އިސްތިއުނާފް ނިމެންދެން އައްމަޓީ ފުރުން މަނާކުރުމަށް އެދި މި މަހުގެ 18 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރެފައެވެ.
ނަމަވެސް އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައި ކޯޓުން އައްމަޓީ ފުރުމުގެ ހުއްދަ ދީފައި ވަނީ އްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.
މިކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައި ކޯޓުން އެ އަމުރަށް ތާއީދުކުރުން ހިތްހަމަ ނުޖެހޭ ކަމަށެވެ.
އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން 2021 ވަނަ އަހަރުގެ ޖޫންމަހުގެ 16 ވަަނަ ދުވަހުވަނީ ޝަރީޢަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ. ކްރިިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ހުއްދަ ދިނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މުއްދަތު މިހާރު ހަމަވެފައި ވާތީ، އެ އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ނަމަވެސް އެކަމާމެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުންތައް ކުރިއަށް ނުގެންދިޔުމަށާއި، ޕާސްޕޯޓު ދޫކޮށްލަން އަމުރު ކުރާ ހާލަތުގައިވެސް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ދައުލަތުން ވަނީ އެދިފައެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން މަޒީދު ވެސް ވަނީ މައްސަލައިގެ ވަށައިގެންވާ މުޅި ހާލަތަށާއި މީގެ ކުރިން މި މައްސަލާގައި ޝަރުއީ ހުރިހާ މަރުހަލާއެއްގެ ނިންމުންތަކަށް ރިއާޔަތް ކުރުމުން، އައްމަޓީ ޝަރީއަތުން ފިލުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވައި، ހަރުކަށި ޝަރުތުތަކެއް ކުރުމަކައިނުލާ އައްމަޓީ ފުރަން ހުއްދަ ދޭން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
އައްމަޓީ ފުރަން ހުއްދަދިން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ