"ބަލިވީ ގޯސްތަކެއް ހެދިގެން، މިއީ އަސްލު ފެންވަރެއް ނޫން"

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026ގައި ބޫޓާން ކުޅުނު ފުރަތަމަ މެޗުގައި ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި، އެއީ ކުޅުންތެރިންގެ އަސްލު ފެންވަރު ނޫން ކަމަށް އެ ޓީމުގެ ކޯޗު ކަރުމާ ޑެމާ ބުނެފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބޫޓާން ނިކުތީ ނޭޕާލާއި ދެކޮޅަށެވެ. އެ މެޗުން 2-1 އިން ނޭޕާލް އަތުން ބަލިވިނަމަވެސް ކުޅުންތެރިން ދެއްކި ހިތްވަރާމެދު އުފާވާކަމަށް ކޯޗު ބުންޏެވެ.
މެޗުގެ ފަށައިގެން ނޭޕާލްއިން ގިނަ އެޓޭކްތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 5 ވަނަ މިނެޓުގައި ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމުން ކާމިޔާބުކުރި ލަނޑެކެވެ.
އެކަމަށް އިޝާރާތް ކުރަމުން ކޯޗު ބުނީ އެކަހަލަ ގޯސްތައް ދެވަނަ މެޗުގައި ތަކުރާރުނުވާނެ ގޮތަކަށް ގޭމް ޕްލޭން ރާވާލާނެ ކަމަށާއި، ޓީމަށްވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"މިމެޗުގައި އަހަރުމެންނަށް ވަރަށް ގިނަ ގޮސްތައް ހެދުނު. ދެވަނަ މެޗަށް ޓީމުގެ ފޯމޭޝަން ބަދަލުކޮށް ޓެކްޓިކްސްވެސް ތަފާތުކޮށްލާނަން. ފުރަތަމަ އެގާރައަށްވެސް ބަދަލު އަންނާނެ. މިއީ އަސްލު އަހަރުމެންގެ ފެންވަރެކޭ ނުބުނާނަން. މިއަށްވުރެ މި ޓީމުގެ ފެންވަރު ރަނގަޅުވާނެ" ބޫޓާން ކޯޗު ބުންޏެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ބޫޓާންގެ ތިންލޭ ޔެޒަރއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ސަބަބުންވެސް ނަތީޖާއަށް އަސަރުކުރިކަމަށް ކޯޗު ފާހަގަކުރިއެވެ. މީގެ އިތުރުން ފުރަތަމަ މެޗުގައި ރާއްޖޭގެ މޫސުމާއި ވިނަގަނޑުގެ ސަބަބުންވެސް ކުޅުންތެރިންނަށް އުނދަގޫވި ކަމަށް ކޯޗު ބުންޏެވެ.
"މޫސުންވެސް ފަސޭހައެއް ނޫން އަހަރުމެންގެ ކުޅުންތެރިންނަކަށް. ނޭޕާލުން ކުޅުނީ ވަރަށް ފާސްޓް ގޭމެއް. އެކަމަކު ކުރިއާއި އަޅާބަލާއިރު އަހަރެމެންގެ ކުދިންގެ ފެންވަރު ރަނގަޅޭ ބުނާނީ" ކޯޗު ބުންޏެވެ.
މާލެ އައުމުގެ ކުރިން ކުޅުނީ ޓާފުގައި ކަމަށާއި، އެހެންނަމަވެސް މިއަދު މިކުޅުނީ ވިނަ ދަނޑުގައި ކަމުން އެއީވެސް ކުޅުންތެރިންނަށް ނަތީޖާ ނެރެން އުނދަގޫވި މައްސަލައެއްކަމަށް ކޯޗު ފާހަގަކުރިއެވެ.
ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. ސުބާޝް މިލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއޭރިއާގެ ކަނާ ދިމާލުން ބޭރުން ލިބުނު ބޯޅައެއް ކީޕަރުގެ ނިއުޕޯސްޓް މަތީކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާނުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. މިއީ އެޓީމުގެ ކުޅުންތެރިން ވަރަށް ރީތިކޮށް ޕާސްޖަހާލައިގެން ނޭޕާލްގެ ޑިފެންސް ފޫއާޅުވާލާފައި ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގައި ބޫޓާން ދެން ނިކުންނާނީ ރާއްޖެއާއި ދެކޮޅަށް 25 ވަނަ ދުވަހުއެވެ. އެ މެޗުގައި ފުރަތަމަ 11 އިން ބަދަލުތަކެއް ފެންނާނެ ކަމަށާއި ޓެކްޓިކްސްވެސް ތަފާތުވާނެ ކަމަށް ކޯޗު ބުޏްނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ