ފުވައްމުލަކު ޑްރަގް ނެޓްވޯކް: ޕީޖީ އައްބާސް އެދިގެން ދޫކޮށްލި ދެ މީހުން ފުލުހުން އަލުން ހައްޔަރުކޮށްފި ފުވައްމުލަކު ޑްރަގް ނެޓްވޯކް: ޕީޖީ އައްބާސް އެދިގެން ދޫކޮށްލި ދެ މީހުން ފުލުހުން އަލުން ހައްޔަރުކޮށްފި

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކަމުންދިޔަ ނެޓްވޯކުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު، ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެދިވަޑައިގެން ދޫކޮށްލާފައި ހުއްޓާ ފުލުހުން އަނެއްކާ ވެސް އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އަލުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެ މީހުން އަލުން ހައްޔަރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ފުލުހުން ބުންޏެވެ.
"[އާޒިމް އާއި ނިއުޝާދު]ގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، މި ދެ މީހުން ވަނީ 2026 މާރިޗު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ،" މީޑިއާ ގްރޫޕަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ނިއުޝާދު އާއި އާޒިމް ދޫކޮށްލީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ ދެ މީހުން ބަންދުން ދޫކޮށްލަން ޕީޖީ އޮފީހުން ކޯޓުގައި .އެދުމުންނެވެ. ލޯކަލް ކައުންސިލްގެ އިންތިހާބު ބޯމަތިވެފައި އޮއްވާ އެ ދެ މީހުން ދޫކޮށްލަން އެދުނު ސަބަބެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން އެ ދެ މީހުން ފުރަތަމަ ހައްޔަރު ކުރީ ޑިސެމްބަރު 9، 2024، ގަ އެވެ. އެއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ދެ މީހުންގެ އެކައުންޓުގައި 28 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފަ އެވެ.
ފުލުހުން ބުނީ ނިއުޝާދް އާއި އާޒިމްގެ ނެޓްވޯކުން މަސްތުވާތަކެތި ވިއްކަމުން ދިޔައީ މުވައްޒަފުން ނަގައިގެން، ރޭވިގެން ހިންގާ ކުންފުންޏެއް ހަރަކާތްތެރިވާ ގޮތަށް ކަމަށެވެ. އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ