އާއްމު ޚިދުމަތްތަކުގެ ތެރެއިން ޓެކްސީ ދަތުރުފަތުރުގެ ޚިދުމަތަކީ ރައްޔިތުން އެންމެ ބޮޑަށް ބަރޯސާވާ އެއް ޚިދުމަތެކެވެ. ޚާއްސަކޮށް ހުޅުމާލޭގެ އާބާދީ އިތުރުވުމާއި، ބުރިޖުން އެ ދެމެދުގެ ވިއުގަ ގުޅާލުމާއެކު މި ޑިމާންޑް އިތުރުވެގެންދިޔައެވެ.
މިއާއެކު މި ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައްވެސް އިތުރުވާން ފެށިއެވެ. މާލެ ތެރޭގެ ދަތުރުތަކަށް ޓެކްސީ ލިބުމުގެ ދަތިކަމުގެ ޝަކުވާއާއި އެކި އަގުތަކުގައި ޑްރައިވަރުން ދަތުރުކުރާކަމުގެ ޝަކުވާއެވެ. މިކަމުގައި ޓެކްސީ ޑްރައިވަރުންގެ ޖަވާބަކީ މާލެ ތެރޭގައި ދުއްވަން ދަތިވުމާއި، އެންމެ ދަތުރަކަށްވެސް ހޭދަވާ ގިނަ ވަގުތެވެ. ނަމަވެސް މީގެ ދަތިކަން ކުރިމަތިވަނީ ޚިދުމަތް ހޯދާ ރައްޔިތު މީހާއަށެވެ.
މިއީ "ޓެކްސީ ލައިން" އުފައްދާ، މި ޚިދުމަތަށް ސަރުކާރުން ވަންނަން ޖެހުނު މައިގަނޑު އެއް ސަބަބެވެ. ރައްޔިތުންނަށް ޚިދުމަތުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.
ރާއްޖޭގައި މިހާރު ޓެކްސީގެ ޚިދުމަތުގެ %100 އަކީ އަމިއްލަ ފަރާތްތަކެވެ. ޓެކްސީ ސެންޓަރުތަކާއި އަދި ޒަމާނީ ޑިޖިޓަލް އެޕްތަކުން މެނޭޖުކުރާ ޚިދުމަތްތައް ހިމެނެއެވެ.
ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ދޭން ހަވާލުކޮށްފައިވަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. އެކަމަށް ބޭނުންވާ ކާރުތައް ގެނެސް މިހާރު މިވަނީ ޚިދުމަތް ފަށަން ތައްޔާރުވެފައެވެ.
ފުރަތަމަ ބެޗުގެ ކާރުތަކުގެ ފޮޓޯތަކާއެކު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށީ ކާރުތަކުގެ ސައިޒާ މެދުއެވެ. ބޮޑެތި ކާރުތަކެއް މާލޭގެ ހަނި މަގުތަކުގައި ދުއްވާނެ ގޮތަކާމެދުއެވެ. މާލެ ތެރޭގެ ދަތުރުތައް ލިބުމަށް އޮތް ދަތިކަމެއް ޙައްލެއް ލިބޭނެތޯ ކުރާ ސުވާލެވެ.
ސަރުކާރުގެ ޓެކްސީ ލައިންއަކީ އެކަމަށް ދިރާސާކޮށް، ޚާއްސަ ޕްލޭނެއްގެ ދަށުން ފަށާ ޚިދުމަތެކެވެ. ޖުމުލަ 150 ކާރު ބޭނުންކުރާނެއެވެ. "މާލެ ޓެކްސީ" ޚިދުމަތުގައި 3 ސައިޒެއްގެ ކާރު ބޭނުންކުރެއެވެ.
• ލޫމިން ސައިޒު - 70 ކާރު (އެންމެ ކުދި ސައިޒު)
• S05 ސައިޒު - 60 ކާރު
• S07 ސައިރު - 20 ކާރު
އެންމެ ކުދި ސައިޒުގެ "ލޫމިން" ކާރުތަކަކީ 3 ޕެސެންޖަރުންނަށް ދަތުރުކުރެވޭ ކާރުތަކެވެ. މިއީ އެންމެ ކުދި، މާލެ ތެރޭގައި ދުއްވަން ޚާއްސަކޮށްފައިވާ ސައިޒުގެ ކާރުތަކެވެ. މި ސައިޒުގެ 70 ކާރު ޓެކްސީ ލައިންގައި ބޭނުންކުރެއެވެ. ކާރުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީއަށް ކުދި ސައިޒުގެ ލަގެޖުތައް ލެވޭނެއެވެ. އާއްމުކޮށް ދަތުރުކުރަން ބޭނުންކުރާ ސައިޒުގެ ފޮށި އެރުވޭނެއެވެ.
ދެން ހިމެނެނީ ޑީޕަލް S05 ސައިޒުގެ 60 އަދި S07 ސައިޒުގެ 20 ކާރެވެ. މި ކާރުތަކަކީ ލޫމިން ކާރުތަކަށްވުރެ ޖާގަ ތަނަވަސް، އަދި 4 ޕެސެންޖަރުން އުފުލޭ ސައިޒުތަކުގެ ކާރުތަކެވެ. މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކްވެސް ލަގެޖު އެރުވުމަށް ބޭނުންކުރެވޭނެއެވެ. މިއީ އެއަރޕޯޓާއި ދިގު ދަތުރުތަކަށް ޚާއްސަ ކާރެވެ.
ކާރުތައް ފަރުމާކޮށްފައިވަނީ، ޕެސެންޖަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ފަސޭހަ ގޮނޑިތަކާއެކު ޖާގަ ތަނަވަސްކޮށެވެ. މި ޚިދުމަތުގައި މުޅިންވެސް ބޭނުންކުރަނީ އިލެކްޓްރިކް ވެހިކަލް (އީ.ވީ) ކާރުތަކެވެ. އެއީ ބެޓެރި ހަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކެވެ.
އިލެކްޓްރިކް މޮޓޯ ކާރުތަކަކީ އިންޖީނުއެޅި އުޅަނދަށްވުރެ އަޑު މަޑު އުޅަނދުތަކެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މިފަދަ ކާރުތައް ބެލެހެއްޓުމުގެ ޚަރަދުވެސް ކުޑައެވެ. މި ޚިދުމަތް ދޭނީ، އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
ޓެކްސީ ލައިންގެ ޚިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ޓެކްސީ ޚިދުމަތް ފެންވަރު ރަނގަޅުކުރުމަށް "ބެންޗް މަރކް"އަކަށްވުމެވެ. މި ޓެކްސީތައް ދުއްވާނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ޑްރައިވަރުންނެވެ. އަދި އަގުތައްވެސް އެއް ހަމައެއްގައި ހިފަހައްޓާނެއެވެ.
ސަރުކުރެ އާމާޒަކީ މި ޚިދުމަތަކީ ރައްޔިތުން ބޭނުންވާފަދަ، ފެންވަރު ރަނގަޅު ލުއިފަސޭގަ ޚިދުމަތެއްގެ ގޮތުގައި މި ޚިދުމަތް ދިނުމެވެ.
ޓެކްސީ ލައިންގައި އެކި ސައިޒުގެ ކާރު، ހަނި މަގުތަކުގައި ދުއްވަން ކުދި ކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ