ވޯލްޑް ކަޕަށް 72 ދުވަސް، ގާނާގެ ކޯޗު ވަކިކޮށްފި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ 72 ދުވަހަށް ވެފައި ވަނިކޮށް ގާނާއިން ކޯޗު އޮޓޯ އައްޑޯ މަގާމުން ވަކިކޮށްފި އެވެ.
އޭނާ މަގާމުން ވަކިކުރީ އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު އަތުން ބަލިވުމާއެކު ފާއިތުވެދިޔަ މެޗުތަކުގައި ނެރުނު ދަށް ނަތީޖާތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
ވޯލްޑް ކަޕަށް ކޮލިފައިވި ފަހުން ގާނާ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މީގެ ތެރޭގައި އޮސްޓްރިއާ އަތުން 5-1އިން ބަލިވުން ހިމެނެ އެވެ. ގާނާ ޓީމު މި މެޗުތަކުން ބަލިވީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ވިންގަ އެންޓޮއިން ސަމެންޔޯ އާއި ޓޮޓެންހަމުގެ ފޯވަޑް މުހައްމަދު ކުޑޫސް ވެސް ތިބެގެންނެވެ. މިހެންވެ ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ކޯޗާއެކު ވާހަކަ ދެކެވި ދެ ފަރާތުން ނިންމީ އެގްރީމަންޓް ނިމުމަކަށް ގެނައުމަށް ކަމަށެވެ.
އައްޑޯ 50 އަކީ ޖަރުމަނަށް އުފަންވި ކުރީގެ ކުޅުންތެރިއެކެވެ. އޭނާ މުޅިން ވެސް ކުޅުނީ ޖަރުމަނުގަ އެވެ. ދެ ވަނަ ފަހަރަށް ގާނާގެ ކޯޗު ކަމާ 2024 ވަނަ އަހަރު ހަވާލު ވުމަށްފަހު އޭނާގެ ކޯޗުކަމުގައި 15 މެޗު ކާމިޔާބު ކުރި އެވެ.
ޖޫން މަހު ފަށާ ވޯލްޑް ކަޕުގެ ކުރިން ގައުމީ ޓީމަށް ގެންނާނެ ކޯޗަކު އަދި ނުނިންމަ އެވެ. ނަމަވެސް ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނަނީ އެ ގައުމުގެ ޓެކްނިކަލް ޑައިރެކްޓަރަކީ ކޯޗުގެ މަގާމު ފުރަން އެކަށީގެންވާ މީހެއް ކަމަށެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުގައި ގާނާ ހިމެނެނީ އިނގިރޭސިވިލާތާއި ކްރޮއޭޝިޔާ އާއި ޕެނަމާއާ އެއް ގްރޫޕެއްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގާނާ ކުޅެނީ ޖޫން 18 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ