އައްޑޫ ޕޯޓުން ނެގި 1.8 މިލިއަން ސިނގިރޭޓު މައްސަލަ: މަނީ ލޯންޑްރިންގެ ތުހުމަތު ހިމެނޭތީ ތަހުގީގު ކުރަން ލަފާ ދީފި

އައްޑޫ ޕޯޓް މެދުވެރިކޮށް ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް 1.8 މިލިއަން ސިނގިރޭޓް މައްސަލައިގައި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިމެނިދާނެ ކަމަށް ބަލައި ތަހުގީގު ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ލަފާ ދީފި އެވެ.
ވީ ކިހިނެއް؟ - ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާ މި ސިނގިރޭޓް ޝިޕްމަންޓް ކަސްޓަމްސްއިން އަތުލައިގެންފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ތަފްސީލު - 'ދައުރު'އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، 1.8 މިލިއަންގެ ސިނގިރޭޓް ހުރި  ކޮންޓެއިނަރަކީ ނެސޯ ހޯމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖެއަށް އެތެރެ ކުރި ކޮންޓެއިނަރެކެވެ. އެގޮތުން:
އެ ކޮންޓެއިނަރުގައި 368 ފޮށިގަނޑު ސިނގިރޭޓު ހުރި
އެ ފޮށިގަނޑުގެ ތެރެއިން މެންޗެސްޓާ ބްރޭންޑްގެ ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫން ފެނިފައިވޭ؛ ޖުމްލަ ސިނގިރޭޓު ސްޓިކްގެ އަދަދު 1.8 މިލިއަނަށް އަރާ
މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ
ނަމަވެސް މި މައްސަލައާ ގުޅިގެން ނެސޯ ހޯމްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ހަސަން ދީދީ، 53، ޖަނބުރޯލުމާގެ، ސ. ހިތަދޫގެ ޕާސްޕޯޓު ހިފަހެއްޓި
މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރީ ސިއްރުން މުދާ އެތެރެ ކުރި މައްސަލައެއްގެ ގޮތުގަ އެވެ. ހަސަން ދީދީގެ ޕާސްޕޯޓު ހިފެހެއްޓީ ވެސް އެ ތުހުމަތަށެވެ.
ޕީޖީ އޮފީހުން ޑިއުޓީ ޕްރޮސެކިއުޝަންގައި މައްސަލަ ދިރާސާކޮށް ބަލައި މިކަމުގައި ގާނޫނީ ލަފާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ސާމީ ސޮއިކުރައްވައި މިވަގުތު ފުލުހުންގެ މުއައްސަސާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއަށް ފޮނުއްވި ސިޓީގައި ވަނީ:
މި މައްސަލަ ދިރާސާކޮށް ބެލިއިރު، މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ މަނީ ލޯންޑްރިންގެ ކުށުގެ އަމަލުތަކެއް ހިމެނިދާނެ ކަމަށް ފެނޭ
އެހެންވެ، މައްސަލައިގެ ތަހުގީގު ކަސްޓަމްސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ލަފާދީފައިވޭ
އެ ދެ މުއައްސަސާ އިން ގުޅިގެން ހިންގާ ތަހުގީގަށް ފަހު، މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށް އެދިފައިވޭ
މި މައްސަލަ މަނީ ލޯންޑްރިން މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުުރުމަށް ލަފާ ދިންކަން ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވެސް 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ހަސަން ދީދީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ