ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް: ސުޕްރީމް ކޯޓުގެ ހުމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބައި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ފެންނަނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅުއްވައިފައިވާ ސުވާލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި އެވޯޓުނެގުމަށް ތައްޔާރުކޮށްފައިވާ ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަދި ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ