ބާރަ އަހަރަށްފަހު ބައިބަލާގެ ރަސްގެފާނު ބީޖީ ފައިނަލަށް
މި އަހަރުގެ އީދު ބައިބަލާ ޗެލެންޖް 1447 ގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަށްފަހު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބީޖީ ސްޕޯޓްސް ކްލަބާއި ޒެޕޯ ސްޕޯޓްސް ކްލަބް ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފިއެވެ. ބީޖީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އަލަށް ވާދަކުރި ދަ ވުލްވްސް ކްލަބާ ބައްދަލުކޮށް، ގަދަ ހިފުމަށް ގޮސްގެންނެވެ. ފުރަތަމަ ގޭމު ވުލްވްސްއިން 9-8 އިން ގެންގޮސްފައި ވަނިކޮށް، ބީޖީން ވަނީ ދެވަނަ ގޭމު 8-7 އިން ކާމިޔާބުކޮށް މެޗު އެއްވަރުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ގަދަހިފުމުގައި ބީޖީން ކުރިހޯދީ 3-2 ހިފުމުންނެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ބީޖީން ބައިބަލާ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޒެޕޯ ފައިނަލަށް ދިޔައީ ސެމީގައި އޮޑި ސްޕޯޓްސް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ދެވަނަ ގޭމު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް 7-5 އިން ޒެޕޯ މޮޅުވިއިރު، ގަދަހިފުމުގައި އެ ޓީމުންވެސް ކުރިހޯދީ 3-2 އިންނެވެ. ބީޖީ ސްޕޯޓްސް ކުލަބު ވަނީ 10 ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި އަހަރު ގަދަހިފުން ކާމިޔާބުވަނީ 3 ހިފުން ގެންދާ ޓީމަކަށެވެ. މިއީ މި މުބާރާތަށް މިއަހަރުން ފެށިގެން އަލަށް އަމަލުކުރަން ފެށި ގޮތެކެވެ. ބީޖީން ކުއާޓާގައި ޒެފްރޯލް ބަލިކުރިއިރު، ޒެޕޯއިން ވަނީ ސީކޭ ބަލިކޮށްފައެވެ. އަދި އޮޑި ސްޕޯޓްސްއާއި ވުލްވްސް ވެސް ވަނީ އެމީހުންގެ މެޗުތައް ކާމިޔާބުކޮށްފައެވެ. ބީޖީ ސްޕޯޓްސް އާއި ޒެޕޯ ސްޕޯޓްސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 9:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ