ފުވައްމުލައް ޑްރަގު ނެޓުވޯކުގެ ބޮޑުން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރި ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން އިއްޔެ އަލުން ހައްޔަރުކުރުމުން އަނެއްކާވެސް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މީހުން ޑިސެމްބަރު 2024ގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ފުވައްމުލަކުގައި ކުރިއަށްގެން ދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެއީ:
ހަސަން އާޒިމް، 30، ޒަމާނީގެ/ފުވައްމުލައް
އަހުމަދު ނިއުޝާދު، 35، ކަރަންކާވިލާ/ފުވައްމުލައް
މި މައްސަލާގައި އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އެ މީހުން ދޫކޮށްލަން ހައި ކޯޓުން ޖެނުއަރީ 2025ގައި ވަނީ އަމުރުކޮށްފަ އެވެ.
ތަފްސީލް - ފުލުހުން ރޭ ބުނީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، އެ ދެ މީހުން ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ހަސަން އާޒިމާއި އަހްމަދު ނިއުޝާދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ،" އޭގެ ފަހުން ފުލުހުން މިއަދު ބުންޏެވެ.
މީގެ އިތުރުން، ޕީޖީ އޮފީހުން މިއަދު ބުނީ އެ ދެ މީހުން އަލުން ހައްޔަރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވެފައިވާތީ ކަމަށެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ތިން ދައުވާއެއްކޮށްފައިވެ އެވެ. އެއީ:
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ
މީގެ އިތުރުން، ޕީޖީ އޮފީހުން ވަނީ މި މުއާމަލާތުން އެ މީހުން ހޯދާފައިވާ ފައިސާގެ ތެރެއިން 1.1 މިލިއަން ރުފިޔާ އާއި އެ ވިޔަފާރީގެ ފައިސާއިން ހޯދާފައިވާ ބައެއް ތަކެތި ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައި
ގުޅުން ހުރި ކަމެއް - މި ޑްރަގް ނެޓްވޯކުގެ ވިޔަފާރިން ހޯދި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެންގުޅުނު މީހަކު 75 އަހަރަށް ޖަލަށް ލުމަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ