މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާ ދަރިވަރުންނަށް ދޭ، ރައީސްގެ ސްކޮލަޝިޕްގެ ދަށުން ކިޔެވޭނީ ވަކި ދާއިރާތަކެއް ކަމަށް ކަނޑައެޅުމަށް ފަހު އުސޫލު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ އެ ހާއްސަ ފުރުސަތުގެ ދަށުން މީގެ ކުރިން، ދަރިވަރުން ބޭނުން ދާއިރާއަކުން ކިޔެވެ އެވެ. އެކަމަކު އިއްޔެ އާއްމު ކުރި، އެކަމާ ގުޅޭ އާ އުސޫލުގައި ވަނީ، އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކިޔެވޭނީ ވަކި ދާއިރާތަކަކުން ކަމަށް ކަނޑައަޅާފަ އެވެ.
ސްކޮލަޝިޕާ ބެހޭ އެ އުސޫލުގައި އޭރު އޮތް ގޮތުން:
އަންނަ އަހަރުން ފެށިގެން އެ ސްކޮލަޝިޕް ދޭނީ، ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ދާއިރާތަކުން
އެއީ 'ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓު'ގައި ހިމެނޭ ދާއިރާތައް
ސިއްހީ، ތައުލީމީ އަދި ޓޫރިޒަމް ހިމެނޭހެން، ގައުމަށް އެންމެ ބޭނުންވާ 27 ދާއިރާއެއް އެ ލިސްޓުގައި ހިމެނޭ
ތަފްސީލް - މި ބަދަލާ މެދު ބައެއް މީހުން އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. އެ މީހުން ދެކޭގޮތުގައި ސްކޮލަޝިޕް ލިބެނީ ދަރިވަރުން ކުރާ ބުރަ މަސައްކަތުން ކަމަށްވެފައި، އެ ކުދިން ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ކިޔެވުމުގެ ފުރުސަތު ލިބެން ޖެހޭނެ އެވެ.
އެއާ އެކު ރޭ އާއްމު އުސޫލުގައި ވަނީ އެކަން ބަދަލުކޮށްފަ އެވެ. އާ އުސޫލުގައި އޮތްގޮތުން ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއަކުން ވެސް ކިޔެވޭނެ އެވެ.
އެނގުން މުހިއްމު - އުސޫލުގައިވާ އިތުރު ކަންކަމަށް ބަލާއިރު:
ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، ދެން ކިޔެވޭނީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައި
ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 6،000ރ.ގެ އިނާޔަތެއް ދޭ
ރައީސްގެ ސްކޮލަޝިޕް ލިބެނީ ދިވެހި މާއްދާ އާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ސާނަވީ އިމްތިހާނުގެ ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.
ފާޑުކިޔުންތަކާ އެކު، ބޭނުން ދާއިރާއަކުން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ