މި ސަރުކާރުން އެއްބަސްވުން ހަދާފައި އޮތްގޮތުން، ފުލެޓްތަކަށް ރަޖިސްޓްރީއެއް ނުވެވޭ: ޒާޔާ

އެފްޑީސީ ފުލެޓްތަކުގެ އެއްބަސްވުންތައް މިސަރުކާރުން ހަދާފައި އޮތީ، ފުލެޓަށް ރަޖިސްޓްރީ ވެވޭގޮތަކަށް ނޫންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ އިންތިހާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ(ޒާޔާ) ވިދާޅުވެއްޖެއެވެ. އެސްއެސް ޓީވީ ގެ "ބާރު ހަތަރެއް" ގައި ވާހަކަ ދައްކަވަމުން ޒާޔާ ވިދާޅުވީ، މި ސަރުކާރުން އެފްޑީސީ ފުލެޓްތަކަށް ބަދަލުވި ރައްޔިތުންނަށް ޖެއްސުންކުރަމުން ދާކަމަށެވެ. އެގޮތުން ކުރިން އޮތް ފުލެޓްގެ އެއްބަސްވުން ބަދަލުކޮށްފައިވާއިރު، އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ހިލާފަށް، މި ފުލެޓްތަކަށް ރަށްވެހިކަން ރަޖިސްޓްރީ ވެސް ނުކުރެވޭ ކަމަށެވެ. ފުލެޓްތަކަށް ރަޖިސްޓްރީވެސް ނުކުރެވޭ ގޮތަށް މި ސަރުކާރުން އެއްބަސްވުން ހައްދަވައި ދެއްވާފައި އޮތީ. ރެންޓަށް އުޅޭ ބައެއްގެ ގޮތުގައި މި ސަރުކާރުން ހައްދަވާދެއްވާފައި އޮތީ. ޒާޔާ ވިދާޅުވީ މިއީ ސަރުކާރުން، ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެފައިވާ ބޮޑު އިހުމާލެއްކަމަށެވެ. އެހެންކަމުން ފުލެޓްގެ އަހުލުވެރިންނަށް އެ ފުލެޓްތަކަށް ރަޖިސްޓްރީ ވެވޭނެ ގޮތް ހަދައިދިނުމަށް، ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އެކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޒާޔާ ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަށް އިހުމާލުވާނަމަ، މަޑުން ނުހުންނަވާނެކަމަށާއި، އެކަންކަމާ ދެކޮޅަށް ތެދުވެ، ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. ސަރުކާރުން ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުލި ކުޑަކުރި ފަދައިން އެފްޑީސީގެ ފުލެޓްތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށްވެސް ކުލި ކުޑަކޮށްދިނުމަށް ސަރުކާރަށް ޒާޔާ ވަނީ ގޮވާލައްވާފައެވެ. އެފްޑީސީގެ ހަތަރު ހާސް ފުލެޓްތަކުގެ އެގްރީމަންޓް ހަދާފައިވަނީ މީގެ ކުރިން އެހެން މަޝްރޫއުތަކުގެ ފުލެޓްތަކަށް އެގްރީމަންޓް ހަދާފައިވާ ގޮތަށްވުރެ، ހަރުދަނާ އުސޫލުތަކެއްގެ މައްޗަށްކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ފުލެޓް ލިބޭ ފަރާތުން އެހެންފަރާތަކަށް ކުއްޔަށް ދިނުމާއި، ދިރިއުޅުން ފިޔަވައި އެހެން ވިޔަފާރިތަކަށް ބޭނުން ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކަށް އެފްޑީސީން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. https://sun.mv/220007 މިފަހުން ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް، ހިޔާފުލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދިން ނަމަވެސް، އެފްޑީސީގެ ފުލެޓްތަކުގެ ކުއްޔަށް ލުއިތަކެއް ދީފައެއް ނުވެއެވެ. ޒާޔާ ތުހުމަތު ކުރެއްވި ގޮތުގައި އެއީ އެފްޑީސީ ހަތަރު ހާސް ފުލެޓަކީ އެމްޑީޕީ ވެރިކަމުގައި އިމާރާތްކުރި ފުލެޓްތަކެއްކަމުން، އެ ފުލެޓްތަކުގައި އުޅޭ މީހުންނަށް ސަރުކާރުން ޖެއްސުން ކުރަން ކުރި ކަމެކެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ