ބަންކަރިންއިން ލިބުނު އާމްދަނީއަށް ބޮޑު އިތުރުވުމެއް، ތިން މަސް ތެރޭ 424 މިލިއަން

މި ސަރުކާރުން ފެށި ބަންކަރިން ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ލިބުނީ، 730 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި ސެޕްޓެމްބަރު 2024ގައި އެ މަޝްރޫއު ފެށީ، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެނެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިން ޚިދުމަތުން މިދިޔަ މަހު 31އާ ހަމައަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ، 47 މިލިއަން ޑޮލަރު ކަމަށްވާއިރު، އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ. "މާރިޗު 31އާ ހަމައަށް 730 މިލިއަން ރުފިޔާ އިންޓަނޭޝަނަލް ބަންކަރިންގެ ވިޔަފާރި ފެށިފަހުން ލިބިފައި އޮތް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ސައީދު ވިދާޅުވިއެވެ. ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: އެ ޚިދުމަތުން 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި މިނިސްޓަރު ދެއްވި ހިސާބުތަކާ ބަލާއިރު، ބޮޑު އިތުރުވުމެކެވެ. މިގޮތުން، އޭރު މިނިސްޓަރު ވިދާޅުވީ، އެހާތަނަށް ބަންކަރިން ޚިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. https://sun.mv/215838 ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ބަންކަރިން ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަދަ ބައެއް ބޭފުޅުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ސެޕްޓެންބަރު 2024 ގައި ޔާމީން ވަނީ ބަންކަރިންއިން ލިބޭނީ ބާދަގަނޑު ކަމަށް ވިދާޅުވެފައެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ