އަމީނީ މަގުގައި މި ނަގާ "މުލިހި"ތަކުގެ މައްސަލަ ހައްލުނުވި، ދުއްވޭވަރަށްވުރެ ނުރައްކާ
މާލޭގެ އަމީނީ މަގުގައި އެންމެ ފަހުން ތާރު އެޅި ސަރަހައްދުކަމަށްވާ، ހާބަރު ފުޑްކޯޓު ބިއްދޮށަށް އޮންނަ ސަރަހައްދު ދުއްވަން ނުރައްކާ މިންވަރަށް ހަލާކުވެއްޖެއެވެ. އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ، މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސެގްމަންޓު: މުޅި މި ސެގްމަންޓު އެއްކޮށްހެން ވަނީ ހަލާކުވެފައި. ތާރުގަނޑުގައި "ރާޅުބާނި"ހެން އުފުލި ދުއްވަން ވަނީ ނުރައްކާވެފައި -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު މި މަގުގައި ތާރުއަޅައި ބޭނުންކުރަން ފެށިފަހުން މިއީ އެންމެ ގިނައިން ވެހިކަލް ދުއްވާ އެއް ސަރަހައްދެވެ. ވަކިން ޚާއްސަކޮށް ޑަބަލްޑެކާ ބޮޑެތި ބަސްތައް ވެސް މި މަގުން ދެކޮޅަށް ދުއްވައެވެ. މީގެ ކުރިން ފުޑްކޯޓު ބިއްދޮށަށް އޮންނަ އަމީނީ މަގުގެ މި ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. އެކަން އެއިރު ސަމާލުކަމަށް ގެނައުމާއެކު އެ ކަން ހައްލުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ ކޮށްފައިވެސް ވެއެވެ. ނަމަވެސް އަނެއްކާ ވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މަގުގެ ދެ ފަރާތުން، ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލިފައިވާއިރު، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ. އަމީނީ މަގުގެ އެންމެ ފަހުން ތާރު އެޅި ސެގްމަންޓު ވަރަށް ބޮޑަށް ހަލާކުވެފައި -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު އަދި މިފަދައިން ތާރުގަނޑު ހިއްލިފައި ހުންނަ ތަންތަނަކީ، ކުއްލިއަކަށް އެ ފަދަ ތަނަކަށް އުޅަނދު އަރައިފިނަމަ، ކަހައިލައި، ފުރޮޅައިލަން ވެސް މަގުފަހިވާފަދަ ތަންތަނުގެ ގޮތުގައިވުމުގެ ނުރައްކާ ވެސް އެބައޮތެވެ. މި ގޮތަށް މަގު އޮންނަތާ މިހާރު ވެސް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަން ހައްލުކުރުމަށް ޓަކައި މިހާތަނަށް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މަސައްކަތް ނުފަށާތީ އެ ކަންބޮޑުވުން ވެސް އާންމުން ގެންދަނީ ފާޅުކުރަމުންނެވެ. އަމީނީ މަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، ސަރުކާރު ކުންފުނި އެމްޓީސީސީން ގެންދަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ