ފިލްމު 'ޖުމާންޖީ 3' ރިލީޒްކުރުން ފަސްކޮށްފި

ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޖުމާންޖީ"ގެ ތިންވަނަ ފިލްމު ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ. މި ފިލްމު ރިލީޒްކުރަން ކުރިން ނިންމާފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ ޑިސެމްބަރު 25 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ކަމަށް 'ދަ ހޮލީވުޑް ރިޕޯޓާ'އިން ވަނީ ހާމަކޮށްފައެވެ. ސޮނީ ޕިކްޗާސްއިން މިގޮތަށް ނިންމުމާއެކު، މި ފިލްމު ސިނަމާތަކަށް އަންނާނީ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޮޑު ދެ ފިލްމު ކަމަށްވާ "އެވެންޖާސް: ޑޫމްސްޑޭ" އަދި "ޑޫން 3" ރިލީޒްކުރާތާ ހަފުތާއެއް ފަހުންނެވެ. މި ބަދަލާއެކު، އިންޑިއާގެ ބޮކްސް އޮފީހުގައި މި ފިލްމަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާ، ސިިއްދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ހަމަ އެ ތާރީޚުގައި ކަމަށްވާތީއެވެ. ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ކިންގް"ގެ ޕޯސްޓަރެއް-- ފޮޓޯ /ޓެލެގްރާފްއިންޑިއާ އަލަށް އުފައްދާ މި ފިލްމުން ކުރީގެ ފިލްމުތަކުން ފެނިގެންދިޔަ މައިގަނޑު ތަރިން ކަމަށްވާ ޑްވޭން ޖޯންސަން (ދަ ރޮކް)، ކެވިން ހާޓް، ޖެކް ބްލެކް އަދި ކޭރަން ގިލަން އަލުން ފެނިގެންދާނެއެވެ. ޖޭކް ކަސްޑަން ޑައިރެކްޓްކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ މެޓް ޓޯލްމެކް، ޑްވޭން ޖޯންސަން، ޑެނީ ގާސިއާ، ހިރާމް ގާސިއާ އަދި ކަސްޑަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ކުރީގެ ފިލްމުތަކުގެ ވެސް ލިޔުންތެރިން ކަމަށްވާ ޖެފް ޕިންކްނާ އަދި ސްކޮޓް ރޯސެންބާގްއެވެ. މީގެ އިތުރުން، ކުރީގެ ފިލްމުތަކުގައި ފުރާވަރުގެ ކުދިންގެ ރޯލު އަދާކުރި އެލެކްސް ވޮލްފް، މެޑިސަން އައިސްމަން، ސާޑޭރިއަސް ބްލެއިން އަދި މޯގަން ޓާނާގެ އިތުރުން އެކްޓްރެސް އޯކްވަފީނާ ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. "ޖުމާންޖީ" ފްރެންޗައިޒް އަކީ 1981 ވަނަ އަހަރު ކްރިސް ވެން އޯލްސްބާގް ލިޔެފައިވާ، ސިހުރީ ބޯޑު ގޭމެއްގެ ވާހަކަ ކިޔައިދޭ ކުޑަކުދިންގެ ވާހަކަ ފޮތެކެވެ. މި ވާހަކައަށް ބިނާކޮށް 1995 ވަނަ އަހަރު ރޮބިން ވިލިއަމްސް އާއެކު ސޮނީއިން އުފެއްދި ފިލްމަކީ އާއިލީ ފިލްމުތަކުގެ ތެރެއިން ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ވިހި އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، 2017 ވަނަ އަހަރު "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގްލް" އާއެކު މި ސީރީޒް އަލުން ފެށިއިރު، ބޯޑު ގޭމުގެ ބަދަލުގައި ފިލްމު ގެނެސްދިނީ ވީޑިއޯ ގޭމެއްގެ ކޮންސެޕްޓަށެވެ. އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 962.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، 2019 ވަނަ އަހަރު ނެރުނު "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް"އަށް ވަނީ 800 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ