ހޫނުގެ ސަބަބުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދާން އަންގައިފި

މިދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާތީ، ގިނަ ސްކޫލުތަކުން، އެކްޓިވިޓީ ޔުނީފޯމުގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން އަންގައިފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެކެވެ. އަދި ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެފައިވާއިރު، ހޫނުމިން ވަނީ މަތިވެފަ އެވެ.
ތަފްސީލް - މެޓު އޮފީހުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އުތުރުގެ ބައެއް އަތޮޅުތަކަށް، އިހުސާސްކުރެވޭ ހޫނުމިން އިއްޔެ 37.2 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ. އަދި މާލޭ ސަރަހައްދުގެ ހޫނުމިން 35.1 ޑިގްރީ ސެލްސިއަސްއަށް އެރި އެވެ.
ހޫނުގެ ސަބަބުން ލިބިދާނެ ތަކުލީފުތަކަށް ރިއާޔަތްކޮށް، ގިނަ ސްކޫލުތަކުން މިއަދު ވަނީ ލުޔެއް ދީފަ އެވެ. އެގޮތުން:
ރޯދަ މަހާއި ހަ ރޯދައަށް ފަހު ސްކޫލުތަކުގެ ކިޔެވުން، ކުރިން އޮތް ގޮތަށް މިއަދު ބަދަލުކޮށްފައިވާއިރު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ރަސްމީ ޔުނީފޯމުގެ ބަދަލުގައި، އެކްޓިވިޓީ ޔުނީފޯމުގައި ދިޔުމަށް ވަނީ އަންގާފައި
ރަސްމީ ޔުނީފޯމުގައި އާއްމުކޮށް އަންހެން ދަރިވަރުން ގަމީހާއި ސްކާޓް އަދި ހަރުވާޅުލާން ޖެހޭ. އަދި ފިރިހެން ދަރިވަރުން ވެސް ގަމީހާއި ފަޓުލޫނު ލާން ޖެހޭއިރު ދެ ޖިންސުގެ ކުދިން ވެސް ޓައީ އަޅަން ޖެހޭ
މިއީ ހޫނުގަދަ ދުވަސްވަރެއްގައި ދަރިވަރުންނަށް އަޅަން ފަސޭހަ ހެދުމަކަށް ނުވާތީ، ގިނަ ސްކޫލުތަކުން އެންގީ، އެކްޓިވިޓީ ޔުނީފޯމުގެ ގޮތުގައި ހިމެނޭ ޓީޝާޓާއި ޓްރެކްސޫޓުގައި ހާޒިރުވުމަށް
މޫސުމަށް ލުޔެއް ލިބެންދެން މިގޮތަށް ހާޒިރުވުމަށް އެދިފައިވޭ
ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:
ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
ކުޑައަޅައިގެން ބޭރަށް ނުކުމެ އުޅުން
ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫހެދުންލުން
ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮތްޕެއް އެޅުން
ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
ކަރުނުހިއްކި ނަމަވެސް ގިނައިން ފެންބުއިން
ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން
އެނގުން މުހިއްމު - މެޓު އޮފީހުން ބުނީ، އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ