ސަރުކާރުގެ އެހީތެރިކަމާ އެކު ބީއެމްއެލްގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) ރަނގަޅުކޮށް، ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ރޭ ބޭއްވި ބީއެމްއެެލްގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މާލީ ގޮތުން ބޭންކަށް ދިމާވެފައި އޮތް އެންމެ ބޮޑު ރިސްކު ކަމަށްވާ އެންއޯޕީ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެންއޯޕީއަކީ ބޭންކެއްގައިި ބޭރު ފައިސާ ހުރި މިންވަރު ނުވަތަ ފޮރިން ކަރަންސީ އެސެޓްސް އާއި ފޮރިން ކަރަންސީ ލައިބިލިޓީސްއާ ދެމެދު ހުންނަ ފަރަގު ބަލާ މިންގަނޑެކެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ އެންއޯޕީ ހައްލުކުރަން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޝަރީފް ވިދާޅުވީ ބޭންކުގެ ބޯޑާއި ސަރުކާރު ގުޅިގެން ކުރި އެއް ކަމަކީ ރުފިޔާ ޓީ-ބިލުތައް، ޑޮލަރު ޓީ-ބޮންޑަށް ބަދަލުކުރުން ކަމަށެވެ. އަދި އެކަމުގައި ފިނޭންސް މިނިސްޓްރީން ދިން އެހީތެރިކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
"2025 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ޓީ-ބިލާއި ޓީ-ބޮންޑަށް އިންެސްޓުކުރެވިފައިވާ އަދަދުގެ ތެރެއިން ޖުމްލަ 10.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކީ 2025 ވަނަ އަހަރުގެ ތެރޭގައި ރޯލްއޯވާކޮށްފައިވާ ބިލްތަކެއް. މިއީ މުޅިން އަލަށް އިންވެސްޓުކޮށްފައިވާ ޓީ-ބިލުތަކެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
"މި އަދަދުގެ ތެރޭގައި ކުރިން ޓީ-ބިލުގައި އިންވެސްޓުކޮށްފައިވާ ފައިސާގެ ތެރެއިން 192.8 މިލިއަން ޑޮލަރަށްވާ، ދިވެހި ރުފިޔާގެ ޓީ-ބިލްތައް ޔޫއެސް ޑޮލަރުގެ ޓީ-ބޮންޑަށް ބަދަލުކުރުން ހިމެނޭ."
ތަފްސީލު - ޝަރީފް ވިދާޅުވީ އެއީ ބޭންކުގެ އެންއޯޕީ ޝޯޓްފޯލް ރަނގަޅު ކުރުމަށްޓަކައި ބޭންކަށް ޑޮލަރު ވިއްކުމަށް ސަރުކާރާ އެކު މަޝްވަރާކޮށްގެން ކުރި މުއާމަލާތެކެވެ.
"އެ އެހީތެރިކަމާއި ބޭންކުން ނިންމި ހަރުދަނާ ނިންމުންތަކާ އެކު މިހާރު ބޭންކު މިވަނީ އެންއޯޕީ މައިނަހުން ރަނގަޅު ނިސްބަތަކަށް ގެނެސްފައި،" ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންއޯޕީ ރަނގަޅުވުމާއި ރާއްޖޭގެ ފޮރިން އެކްސްޗޭންޖް އޮނިގަނޑު މެނޭޖު ކުރުމުގައި ސަރުކާރާއި އިދާރާތަކުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑުމެންގެ ގާބިލްކަން އިތުރުވި."
ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ބޭންކުން ޓީ-ބިލަށް އިންވެސްޓުކުރީ ބޭންކުގައި ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓާ އެއްގޮތަށް ކަމަށާއި އާދަޔާހިލާފަށް އިތުރަށް އިންވެސްޓުކޮށްފައިނުވާނެ ކަމަށެވެ.
"ބޭންކުގައި ދައުލަތުން ބަހައްޓާފައިވާ ފިކްސްޑް ޑިޕޮސިޓް އަދަދާ އަޅުވައި، ސެކުއާޑްކޮށް، 653 މިލިއަން ރުފިޔާގެ ޓީ-ބިލަށް އިންވެސްޓުކޮށްފައިވޭ. އެހެންކަމުން 2025 ވަނަ އަހަރު ވެސް ޓީ-ބިލަށް އިންވެސްޓުކޮށްފައިވަނީ ބޭންކުގައި ކަނޑައެޅިފައިވާ ރިކްސް އެޕަޓައިޓާ އެއްގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލްއިން އާންމުކޮށް ޓީ-ބިލުގައި އިންވެސްޓުކުރަނީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށެވެ. އެހެންކަމުން ކުރިން އިންވެސްޓުކޮށްފައި ހުންނަ ޓީ-ބިލުތައް ކޮންމެ އަހަރަކު ވެސް ދާނީ ރޯލްއޯވާ ވަމުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - ބީއެމްއެލްއިން ވަނީ މިދިޔަ އަހަރު ޖުމްލަ 672.5 މިލިއަން ޑޮލަރު ވިއްކާފަ އެވެ. ދުވާލަކަށް ބަލާއިރު އެއީ 1.84 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކި
އޭގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް
އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ހަމަޖައްސައިދިން
ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވޭ
އުމްރާވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކި
ޑޮލަރުގެ ދަތިކަން ފިލުވުމުގައި ބީއެމްއެލްއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ