3 ކިލޯގެ ޑްރަގް އަތުލުން: ދެ ޒުވާނުން އިތުރު 30 ދުވަހަށް ބަންދު
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާ އާދީއްތަ ދުވަހު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް، 27 އަހަރުގެ ޝާއިން ޢަލީ އާއި އއ. ފެރިދޫ، އިޙްރާމްގެ، އުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދެވެ. އެ މީހުންގެ ބަންދަށް މިދިޔަ ހޯމަ ދުވަހު އިތުރު ކުރީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން އިތުރު 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭގޮތުގައި އެ ތިން ކިލޯގެ ޑްރަގް ފެނުނު އެޕާޓްމަންޓް ކުއްޔަށް ނަގާފައިވަނީ މާޝާގެ ނަމުގައެވެ. އަދި ފެނުނު މަސްތުވާތަކެތި ހާމައަށް ބަހައްޓާފައި ހުރިއިރު އެތަނުން އެ ތަކެތި ބަންދު ކުރަން ގެންގުޅޭ ސާމާނު ވެސް ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ. ކޯޓު އަމުރުން އެނގޭގޮތުގައި މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ޝާއިންއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މަސްތުވާތަކެތީގެ މައްސަލަަތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން މިހާރަކަށް އައިސް އަންނަނީ ހައްޔަރުކުރަމުންނެވެ. ޑްރަގް ބޮޑެތި ނެޓްވޯކްތަކުގައި ވެސް ޒުވާނުން ހަރަކާތްތެރިވަމުން އަންނަކަން ފުލުހުން ހިއްސާކުރާ މައުލޫމާތުތަކުން ހާމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ