ޕީއެންސީ އޮފީސް މައްސަލައިގައި ގޭގެ ވެރިފަރާތް: ޖޫރިމަނާކުރީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނަގާފައި އޮއްވައި
ހ، ވެޔޮވިލާގޭގައި ވެރިކަންކުރާ ޕީއެންސީގެ އާ އޮފީސް އިމާރާތްކުރީ ހުއްދަތައް ނުނަގާ ކަމަށް މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވި ނަމަވެސް، އެ އޮފީސް އިމާރާތްކުރީ ކައުންސިލުން ނަގަން ޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހު ކަމަށް، އިމާރާތުގެ ވެރިފަރާތް ކަމަށްވާ ޝަފީޢާ ޒުބައިރު ބުނެފިއެވެ. އާޒިމް އިއްޔެ 'ސަން'އަށް ވިދާޅުވީ، ހ. ވެޔޮވިލާގޭގައި ޕީއެންސީ އޮފީސް އިމާރާތްކުރީ، ހުއްދަތައް ނުނަގާ ކަމަށެވެ. އެހެންވެ، ނިމުނު ޑިސެމްބަރު 25ގައި އެ ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެކަމަކު ޝަފީޢާ މިއަދު 'ސަން'އަށް ބުނީ، ހ. ވެޔޮވިލާގޭގައި އިމާރާތްކުރުމަށް ކައުންސިލުން ހުއްދައަށް އެދުނު ކަމަށާއި، ކައުންސިލުން ވަނީ އޭނާއަށް އެ ހުއްދަ ވެސް ދީފައި ކަމަށެވެ. އެއަށްފަހު އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަން ބޭނުންވީ ކަމަށާއި، އެހެންވެ އެ ހުއްދައަށް ވެސް ކައުންސިލްގައި އެދުނު ކަމަށް ޝަފީޢާ ބުންޏެވެ. "ކައުންސިލުން ބޭނުންވި ޑޮކިއުމެންޓްސް ދިނިން. އަދި ގެންނަން ހުރި ބަދަލުތައް ގެނެސްފަ ވާނީ. އަޅުގަނޑު އެދުނިން ގެންނަން ބޭނުންވާ ކުރެހުންތަކާއި ބަދަލުތަކެއް ގެންނަން. ދެން ޓައިމްލައިންއާ ދިމާނުވާ ކަމަށް ވިދާޅުވަނީ،" ޝަފީޢާ ބުންޏެވެ. ޝަފީޢާ ބުނީ، ކައުންސިލުން އޭނާއަށް ދީފައިވާ ހުއްދަތައް އޭނާގެ އަތުގައި ވެސް އެބަހުރި ކަމަށެވެ. https://sun.mv/216511 މީގެ ކުރިން އިދިކޮޅު އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެ، ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ. އޭގެފަހުން މަރާމާތުތަކަށް ފަހު، ފަސް ފަންގިފިލާއަށް އިމާރާތް ވަނީ އުސްކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި، އެ އިމާރާތުގައި ޕީއެންސީގެ ބޮޑު އޮފީހަކާއި ހަރުގެއެއް ވަނީ ހިންގަން ފަށާފައެވެ. އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހަދާފައިވާ އެ ޖަގަހައިގެ ފާރުގައި ބޮޑު ލެޑް ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި، އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ބޮޑެތި ޖަލްސާތައް ކުރިއަށްދާ ވަގުތު އާންމުންނަށް އެ ޖަލްސާތަކުގެ ވާނުވާ ސާފުކޮށްދޭން ހަރުކޮށްފައިވާ ސްކްރީނެކެވެ. ޕީއެންސީއަކީ، މިހާރު ރާއްޖޭގައި ހިންގާ އެންމެ މެންބަރުން ގިނަ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި، 74،048 މެންބަރުން މި ވަގުތު އެ ޕާޓީގައި ތިބިއިރު، ޕީއެންސީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ