ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 4-1 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމަށްޓަަކައި ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ.
މިއަދުގެ މޮޅާ އެކު، ބުރުން ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެއްޖެނަމަ، އަލުން ތިން ވަނަ އަށް އެރޭނެ އެވެ. ނިއު އަށް މި ވަގުތު ވަނީ 14 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވެލެންސިއާ އިން 27 ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ވެލެންސިއާ އަށް ލިބުނު ޖެހުމަކުން އީތަން އިބްރާހިމް ޒަކީ ނެގި ހުރަހަކުން، ހަސަން ނަވާޒް ބޮލުން ޖެހި ގޯލުންނެވެ.
ވެލެންސިއާ އިން ލީޑުނެގިތާ ތިން މިނިޓް ތެރޭ ބުރުން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މި ލަނޑު ޖެހީ މުހައްމަދު ނާއިމް އެވެ. މިއީ، އޭރިއާތެރެއިން އުުރުގުއޭ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ހަ މިނިޓް ފަހުން، ވެލެންސިއާގެ ކީޕަރު، އަހުމަދު ލިޒްފާން އަތުގައި ޖެހިފައި ވެއްޓުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެން، ޝަމްވީލް މުހައްމަދު ވަނީ ބުރަށް ލީޑުނަގައިދީފަ އެވެ.
ބުރުން ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން 15 މިނިޓް ތެރޭ ތިން ވަނަ ލަނޑު ޖެހި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޑިއަވަންޑޫ ޑިއާނޭ އެވެ. ސްޕެއިންގެ ބާސެލޯނާގެ ބީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ސެނެގާލްގެ މިޑްފީލްޑަރު، ޑިއާނޭ، އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ އަމާޒުކޮށްލައިފަ އެވެ.
ބަދަލަކަށް ކުޅެން އަރައި، މެޗުގެ 75 ވަނަ މިނިޓްގައި ބުރުގެ ހަތަރު ވަނަ ލަނޑު ޖެހީ އަބްދުﷲ ޔާމީން (ޔާނު) އެވެ. ހާފުގެ މެދެއްހާ ހިސާބުން ޔާނު ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު، ވެލެންސިއާގެ ކީޕަރު، ލިޒްފާން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މި މެޗުން ބަލިވެ، ވެލެންސިއާ އޮތީ 14 މެޗުން އަށް ޕޮއިންޓާ އެކު، 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ.
ވެލެންސިއާ ބަލިކޮށް ބުރުން މަގާމު ވަރުގަދަކޮށް ކުރިއަށް ވެލެންސިއާ ބަލިކޮށް ބުރުން މަގާމު ވަރުގަދަކޮށް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ