އައިފޯން 18 ސީރީޒް ފޯނުތަކުގެ އަގު މިހާރުގެ ފޯނުތަކަށްވުރެ މާ ބޮޑުވެދާނެ: ރިޕޯޓް

އެޕަލްއިން މި އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯން 18 ސީރީޒްގެ ފޯނުތަކުގެ އަގު، މިހާރުގެ ފޯނުތަކަށްވުރެ މާ ބޮޑުވެދާނެ ކަމަށް އެންމެ ފަހުގެ ރިޕޯޓްތަކުން ދައްކައިފިއެވެ. މި ބަދަލު އަންނާނެ ކަމަށް ބެލެވެނީ އެޕަލްގެ އައު "އޭ20" ޕްރޯ ޗިޕްސެޓް އުފެއްދުމަށް ބޭނުންކުރާ އެންމެ ފަހުގެ ދެ ނެނޯމީޓަރުގެ ޓެކްނޮލޮޖީގެ ސަބަބުންނެވެ. ޓައިވާން ސެމީކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީން އުފައްދާ މި އައު ޗިޕްތަކުގެ މަސައްކަތަށް ހިނގާ ޚަރަދު ބޮޑުވުމަކީ ފޯނުގެ އަގަށް މި ބަދަލު އަންނާނެ މައިގަނޑު ސަބަބު ކަމަށް މައުލޫމާތު ލިބެއެވެ. https://sun.mv/213174 މި އައު ޗިޕްސެޓް ބޭނުންކުރާނެ ކަމަށް ބެލެވެނީ އައިފޯން 18 ޕްރޯ މޮޑެލްތަކުގެ އިތުރުން، އެޕަލްއިން އަލަށް ތައާރަފުކުރާނެ ކަމަށް ބެލެވޭ "އައިފޯން އެއާ 2" ގައެވެ. މި ދެ ނެނޯމީޓަރުގެ ޗިޕްގެ ސަބަބުން ފޯނުގެ ހިނގުން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް އަވަސްވެ، ބެޓެރީ ހިފަހައްޓާ މިންވަރު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އައިފޯން 18 ސީރީޒްގެ ފޯނުތަކުގައި 12ޖީބީގެ ރޭމް ހިމަނާނެ ކަމަށް ބެލެވޭއިރު، މިއީ "އެޕަލް އިންޓެލިޖެންސް" ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ވަރުގަދަ މަސައްކަތްތައް ފަސޭހަކަމާއެކު ނިންމާލުމަށް މަގުފަހިކޮށްދޭނެ ބަދަލެކެވެ. މީގެ އިތުރުން، އެޕަލް އިން މިހާރު ތައްޔާރުވަމުންދަނީ "ވޭފާ-ލެވެލް މަލްޓި-ޗިޕް މޮޑިއުލް" ކިޔާ އައު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ޗިޕްތައް ފަރުމާކުރުމަށެވެ. މި އައު އުކުޅުގެ ސަބަބުން ފޯނުގެ ސީޕީޔޫ، ޖީޕީޔޫ އަދި ރޭމް އެއްކޮށް ގުޅާލެވި، ފޯނުގެ ޖާގަ އިތުރުވުމުގެ އިތުރުން ފޯނު ހޫނުވުން ކުޑަކޮށްދޭނެއެވެ. އައިފޯން އެއާ 2 ވާނީ އެޕަލްގެ އެންމެ ޒަމާނީ އަދި އެންމެ އަގުބޮޑު އެއް ފޯނަށް ކަމަށް ބެލެވެއެވެ. އައިފޯން 18 ބާޒާރަށް ނެރުމަށް އަދި ދުވަސްތަކެއް އޮތް ނަމަވެސް، ޓެކްނޮލޮޖީއަށް އަންނަ މި ބޮޑު ބަދަލާއެކު އައިފޯން ބޭނުންކުރާ ފަރާތްތަކުން ފޯނު ގަތުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ