ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލައިފާސްކުރަން ގެންގޮސްފި އެވެ.
މ. އަނދުންގޭގައި ހުންނަ އެ އެޕާޓްމަންޓަށް ފުލުހުން ވަނީ، ފުލުހުންގެ ކާރެއްގައި ސަނީ އުމަރު ގެންގޮސް އޭނާ ވެސް ގޮވައިގެންނެވެ. އެ ގެއަށް ފުލުހުން ވަންނަން މަސައްކަތް ކުރުމުން ގޭގެ ވެރިންނާއި ގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ފުލުހުން ބުނަނީ އެޕާޓްމަންޓު ބަލައިފާސްކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި ނޫހަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގޭ ތެރޭގައި ތިބި މީހުން ބުނަމުންދަނީ ސަނީ އުމަރު ހައްޔަރުކުރިތާ މަހެއް ފަހުން ބަލައިފާސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި، އޭނާ ފުރަތަމަ ހައްޔަރުކުރުމަށްފަހު ދޫކޮށްލީ ފުލުހުން ކަމަށާއި ރާއްޖެއިން ފުރުވާލީ ވެސް ފުލުހުން ކަމަށް އެ މީހުން ބުނަމުންދެ އެވެ.
އެޕާޓްމަންޓު ބަލައިފާސްކުރުމަށްފަހު ފުލުހުން ވަނީ ސަނީ އަނބުރާ ގެންގޮސްފަ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލި އެވެ. ނަމަވެސް ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައި އެވެ.
ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް ފުލުހުން ދޫކޮށްލިތާ އިރުކޮޅެއް ނުވަނީސް އޭނާ ވަނީ ރާއްޖެ ދޫކޮށް ދާން މަސައްކަތްކޮށްފަ އެވެ.
ދެވަނަ ފަހަރު ފުލުހުން އޭނާ ހައްޔަރުކުރީ ހަމަ އެ ދުވަހު، އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރައި ހުއްޓަ އެވެ. އެ ފަހަރު ވެސް އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ބަންދުން ދޫކޮށްލި އެވެ. އަދި، ޖެހިގެން އައި ދުވަހު އޭނާ ކޯޓު އަމުރެއްގެ ދަށުން ބަންދުކުރި އެވެ.
ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ އުމަރު ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.
ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ ފުލުހުންގެ ބެލުމުގެ ދަށުން ގެއަށް ގެންގޮސްފި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ ފުލުހުންގެ ބެލުމުގެ ދަށުން ގެއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ