ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕީ ކާޑުގެ ނިޒާމު ތައާރަފުކުރަން ހުށަހަޅައިފި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް "ތެރަޕީ ކާޑުގެ ނިޒާމު" ތައާރަފުކުރަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުން އެމަނިކުފާނަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. ރައީސަށް އެޑްރެސްކުރައްވައި ހުށަހެޅުއްވި ސިޓީގައި ކުޑޫ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފޯރުކޮށްދޭ ތެރަޕީތަކުގެ އަގު ކޮންޓްރޯލްކުރުމުގައާއި، ދައުލަތުން އެ ކުދިންގެ ނަމުގައި ކްލިނިކްތަކަށް ބޮޑެތި އަދަދުން ފައިސާ ދައްކަމުން ދާއިރު ވެސް އެކަމުގެ މަންފާއެއް އެކުދިންނަށް ނުކުރާކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވައިފައެވެ. އެފަދައިން ވިދާޅުވެ ކުޑޫ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީ ނުވަތަ ފަރުވާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒިންމާދާރުކަން ހިފެހެއްޓުމަށާއި، ފުރުސަތުތައް ތަނަވަސްވުން އިތުރުކުރުމުގެ ގޮތުން ތައާރަފުކުރެވިދާނެ ތެރަޕީ ކާޑުގެ ނިޒާމާ ގުޅޭ ހުށަހެޅުމެއް ހުށަހަޅައިފައެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ/ މަޖިލިސް ކުޑޫ ވިދާޅުވީ ގައުމުގެ ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުން، ގައުމުގެ ނިޒާމުތަކާއި އަދި އަމުދުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތެއް ހަމަ މަގަށް އެޅުވުމަކީ ރައީސްގެ އިސްތަށިފުޅުގައި އެޅިފައިވާ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދައިދެއްވުމަށް ކުޑޫ ވަނީ އެދިވަދައިގެންފައެވެ. އެ ސިޓީއާއެކު ހުށަހެޅި ކަރުދާހުގައިވާ ގޮތުން ނަމަ ވިތްޑްރޯ ނުކުރެވޭ މި ތެރަޕީ ކާޑަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެނގޭނެހެން އަދި އެފަދަ ތަންތަނުން ޚިދުމަތް ލިބިގަތުމުން އެކަން އެނގޭނެ ގޮތަށް އޮންނަ ނިޒާމެކެވެ. އަދި މި ނިޒާމު މެދުވެރިކޮށް މިހާރު ތެރަޕީއަށް ނުގެންދާ ދުވަސްތަކަށް ވެސް ބިލު ކޮށްގެން ފައިސާ ނެގުން ހުއްޓުވޭނެކަން ވަނީ ފާހަގަކޮށްފައެވެ. އެ ކަރުދާހުގައި ހުށަހަޅާފައިވާ ބައެއް އެހެން ކަންކަމަކީ: ބީއެމްއެލްއާ ގުޅިގެން އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ ޚާއްސަ ކާޑަކަށް ހެދުން. މި ކާޑު ހަމައެކަނި ބޭނުންކުރެވޭނީ ތެރަޕީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަޕޯޓު ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނަށް. ކާޑު ރަޖިސްޓްރީކޮށް ހުއްދަ ދެވޭނީ މެޑިކަލް އެސެސްމަންޓު ހުށަހެޅުމުން އެންސްޕާއަށް. ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ތެރަޕީ ސެންޓަރެއް ވެސް ބެލެނިވެރިންނަށް އިޚުތިޔާރުކުރެވޭހެން ހެދުން. ކޮންމެ ހަ މަހަކުން ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތުގެ ރިޕޯޓެއް ހުށަހެޅުން. ކުޑޫ ވިދާޅުވި ގޮތުގައި މި ހުށަހެޅުން ހުށަހަޅާފައި ވަނީ ބައިނަލްއަގްވާމީ މޮޑެލްތަކަށް ރިއާޔަތް ކުރުމަށްފަހު، އެ މޮޑެލްތަކުގެ ކާމިޔާބީއިން ފިލާވަޅު ލިބިގަނެ، އެއީ ރާއްޖޭގައި ވެސް ކުރެވިދާނެ އަދި ނަތީޖާ ނެރެވެން އޮތް ނިޒާމަކަށް ވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ