މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަންނާނެ ގަޑިތައް އާންމުކޮށްފި
މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަންނާނެ ގަޑިތައް ޒަކާތު ހައުސްއިން އާންމުކޮށްފިއެވެ. ޒަކާތު ހައުސްއިން މިއަދު ކުރި އިއުލާނުގައިވަނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ހަމައަށް އޮންލައިންކޮށް ބަލައިގަންނާނެ ކަމަށެވެ. އިއުލާނުގައިވާ ގޮތުން، މިފެށޭ ރަމަޟާން މަހު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ. އެ ހަތް ޕްލެޓްފޯމަކީ: ދިރާގުގެ ދިރާގުޕޭ އުރީދޫގެ އެމްފައިސާ އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓު ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު އަވަސް އެޕް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް ހަމަ އެއާއެކު، އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ ކަމަށާއި، ރަމަޟާން މަހުގެ ފަހު ދިހައިގައިވެސް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސްއިން ބުންޏެވެ. އެ އިދާރާގެ އިއުލާނުގައިވާ ގޮތުން، ރަމަޟާން މަހުގެ ފަސްވަނަ ދުވަހުން (ފެބްރުވަރީ 22) ފެށިގެން 20ވަނަ ދުވަހަށް (މާރިޗު 09) ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން މެންދުރު 1:00 އަށް، އަދި ރަމަޟާން މަހުގެ 21ވަނަ ދުވަހުން (މާރިޗު 10)އިން ފެށިގެން 30ވަނަ ދުވަހަށް (މާރިޗު 19)އަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00އިން މެންދުރުފަހު 2:00 ޖަހަންދެން ބަލައިގަންނާނެއެވެ. ރަށްރަށުގައި ނަމަ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންނެވެ. ފިޠުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ. ފިޠުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ