ވަޒީރުގެ "2 ޑިސެމްބަރު" އާއި އުފެދުނު ބޮޑު ބަހުސް، ފުޓްސަލްގެ ތާރީޚު އޮޅުވާލެވޭކަށް ނެތް
ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް، ކޮންމެ އީދަކަށް ނުވަތަ ކޮންމެ ހަވީރަކަށް ނަޒަރު ހިންގާލިޔަސް ފެންނާނީ އެއް މަންޒަރެކެވެ. ފުޓްސަލްގެ ފޯރިއެވެ. މިއީ މިއަދަކު އިއްޔެއަކު އުފެދުނު ލޯތްބެއް ނޫނެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ދިވެހިންގެ ލޭގެ ތެރެއަށް ވަދެފައިވާ ކުޅިވަރެކެވެ. ނަމަވެސް، ދާދިފަހުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު (ރާއްޕެ) ދެއްކެވި ވާހަކަފުޅަކުން މުޅި ފުޓްސަލް އާއިލާ މިހާރު އޮތީ ސީރިއަސް ސުވާލު މާކެއްގެ ތެރޭގައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް "ރަސްމީ" ހައިސިއްޔަތެއްގައި ފުޓްސަލް ގައުމީ ޓީމެއް އެކުލަވާލައި ރަޖިސްޓްރީ ކުރެވުނީ ދޭއް ޑިސެމްބަރު 2025 ގައި ކަމަށެވެ. މި ވާހަކަފުޅުން ދޭހަވަނީ، އޭގެ ކުރިން އެފް.އޭ.އެމްގެ ބެލުމުގެ ދަށުން އެކުލަވާލި ސްކޮޑުތަކަކީ "ގައުމީ ޓީމު"ގެ ދަރަޖަ ރަސްމީކޮށް ލިބިފައިވާ ޓީމުތަކެއް ނޫން ކަމަށެވެ. މިއީ ކުރީގެ ކުޅުންތެރިންނާއި، ކޯޗުން އަދި ސަޕޯޓަރުންގެ ހިތުގައި ބޮޑު ނުރުހުމެއް އުފެދުނު ކަމެކެވެ. ސުވާލަކީ، މިދިޔަ ޑިސެމްބަރުގެ ކުރިން ރާއްޖޭގެ ޝަރަފުގައި، ގައުމީ ޖާޒީގައި ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނުގައި ކުރި ހިތްވަރަކީ އެއްވެސް އަގެއް ނެތް މަސައްކަތެއް ހެއްޔެވެ؟ ގޯޅިގޯޅި ކަންމަތިން ބައިނަލްއަގުވާމީ މައިދާނަށް: ފުޓްސަލްގެ އަސްލު ފެށުން ވެލި ދަނޑެއްގައި ކުރިއަށްދިޔަ ކުލަބު މޯލްޑިވްސް ކަޕް މެޗެއްގެ ތެރެއިން-- ފޮޓޯ: އިމޭޖަސް ރާއްޖޭގައި ފުޓްސަލްގެ ބިންގާ އެޅިގެންދިޔައީ 90 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އޭރު މިއީ "ފައިވް-އަ-ސައިޑް" ފުޓްބޯޅައިގެ ގޮތުގައި ކުދި ދަނޑުތަކުގައާއި، ހުސްބިންތަކުގައި ކުޅެމުން އައި ކުޅިވަރެކެވެ. ނަމަވެސް 2004 ވަނަ އަހަރަކީ ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އޭރުގެ އެފް.އޭ.އެމް ލީޑަޝިޕުން ފުޓްސަލް ކުރިއެރުވުމަށްޓަކައި ވަކި ކޮމިޓީއެއް އުފައްދައި، ފުރަތަމަ ފަހަރަށް ރަސްމީ "އިންޓާ ރިސޯޓް ފުޓްސަލް މުބާރާތް" ފަދަ މުބާރާތްތައް ފެށިއެވެ. މިއީ މިއަދު އަޅުގަނޑުމެން މިދެކޭ ފުޓްސަލް ތަރިން އުފެދުމުގެ އަސްލެވެ. ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއްގެ ސިފަޖެހި، ބައިނަލްއަގުވާމީ މުބާރާތްތަކަށް ކުޅުންތެރިން ފޮނުވަން ފެށީ 2000 ގެ މެދުތެރޭގައެވެ. 2005 އަދި 2007 ވަނަ އަހަރު ބޭއްވި އޭޝިއަން އިންޑޯ ގޭމްސްތަކުގައި ރާއްޖެއިން ވާދަކުރިކަމީ، އޭރުވެސް "ގައުމީ ޓީމެއް" އޮތްކަމުގެ ދިރިހުރި ހެއްކެކެވެ. އޮޅުވާނުލެވޭނެ ތާރީޚީ ކާމިޔާބީތަކާއި ރޭންކިން 2025 ގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އަފްގާނިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ މިނިސްޓަރުގެ "ރަސްމީ" ތާރީޚަށް ފެތޭ ގޮތަށް ކަންކަން ބައްޓަން ކުރަން އުޅުނަސް، ތާރީޚީ ފޮތްތަކުން ފެންނަން ހުރި ހަގީގަތްތައް މާ ސާފެވެ. ދެހާސް ސަތާރަ ވަނަ އަހަރު ތުރުކުމެނިސްތާނުގައި ބޭއްވި އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވާދަކުރީ ރަސްމީކޮށެވެ. މީގެ އިތުރުން 2022 އިން 2025 އަށް ތިން ފަހަރެއްގެ މަތިން ރާއްޖޭގެ ޓީމު ވަނީ އޭޝިއާގެ އެންމެ ޝަރަފުވެރި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހު މިޔަންމާއަށް ދިޔަ ޓީމަކީވެސް ގައުމީ ޓީމުގެ ނަމުގައި ދިޔަ ޓީމެކެވެ. ރޭންކިންއަށް ބަލާއިރު، ރާއްޖެ މިއަދުވެސް އޮތީ ދެކުނު އޭޝިއާގެ އެއްވަނައިގައެވެ. ޓީމެއް ރަސްމީކޮށް ނެތް ނަމަ، އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްސީ) އިން ރާއްޖެއަށް މި ފުރުސަތުތައް ދީ، ރޭންކިންއެއް ކަނޑައަޅާނެ ހެއްޔެވެ؟ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުން: ބިންގާ ފޮރުވާލުމަށްފަހު އިމާރާތެއް ނުކުރެވޭނެ ކުޅިވަރުގެ ތާރީޚަކީ ވަކި ބައެއްގެ ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަށްޓަކައި ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. މިނިސްޓްރީން ބުނާ "ރަޖިސްޓްރީކުރުން" މިއީ އިދާރީ ގޮތުން ނިންމި ނިންމުމަކަށް ވެދާނެއެވެ. ނަމަވެސް، 2005 އިން ފެށިގެން 2025 އާ ހަމައަށް ރާއްޖޭގެ ނަމުގައި ކުޅުނު ކޮންމެ މުބާރާތަކީ ގައުމީ ޓީމުގެ ތާރީޚެވެ. އެ ތާރީޚު ފޮހެލުމަކީ ހުސެއިން ޝަރީފް (އޮންލީ) އާއި ޢަބްދުﷲ ޝައްފާން (ޝަކާ) އާއި އަލީ ހާފިޒް (ހާއްޕެ) ފަދަ އެތަކެއް ލެޖެންޑުން ގައުމީ ޖާޒީގައި އޮހޮރުވި ދަލާއި، ހޯދި ރީތި ނަމަށް ކުރެވޭ އިހާނެތިކަމެކެވެ. ކުޅިވަރު އާއިލާއިން އެދެނީ އިހުތިރާމެވެ. ފުޓްސަލް އާއިލާގެ 20 އަހަރުގެ ގުރުބާނީ "ޒީރޯ" އަށް ހަދާނުލައި، ހަގީގީ ތާރީޚު އޮޅުންފިލުވައިދިނުމެވެ. ކުޅިވަރު ކުރިއެރުވުމަކީ އާ ފެށުންތަކެއް ފެށުން ކަމަށް ވިޔަސް، އެ ފެށުން ފަށަންވާނީ ކުރީގެ ބިންގަލުގެ މަތީގައެވެ. މިނިސްޓަރު ވިދާޅުވި ތާރީޚަކީ ރަސްމީ ފެށުން ކަމަށްވާނަމަ، އޭގެ ކުރިން ގައުމީ ޖާޒީގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި، ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ރީތި ނަމަށް ވާނެ ގޮތާމެދު މިވަނީ ސުވާލު އުފެދިފައެވެ. ޔަގީނުންވެސް ގުރުބާނީތަކެއްވި ކުޅުންތެރިންނާ އޮފިޝަލުން އެބަތިއްބެވެ. މި ކުޅިވަރުގެ ހަގީގީ ބިންގަލަކީ އެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ