ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ

ސުނާމީ ބިނާ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
ވަރަށް ބޮޑަށް ވިރާނާވެފައިވަނިކޮށް، ބޮޑެތި ބަދަލުތަކާއެކު ސުނާމީ ބިނާ މަރާމާތުކޮށް އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ ފެބުރުވަރީމަހުގެ ތެރޭގައެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ސުނާމީ ބިނާ ހުރި ސަރަޙައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓްފައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ އެސަރަޙައްދުގެ 75 މީޓަރުގެ ޝީޓް ޕައިލްވެސް ވަނީ އައު ކޮށްފައވެ. އަދި އެ ސަރަޙައްދުގެ ކީވޯލް މަރާމާތުކޮށް، ރައްކާތެރިކަމުގެ ގޮތުން ފެންސްވެސް ވަނީ ޖަހާފައެވެ. މި ޕާކަކީ ކުޑަކުދިން ގޮވައިގެން ގޮސް އުޅޭ ސަރަޙައްދެކެވެ.
ގެނެސްފައިވާ އިތުރު ބަދަލުތަކުގެތެރޭގައި ސުނާމީ ބިނާ މޮނިއުމަންޓް، އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށްފައިވެއެވެ. އަދި ޕާކުގައި ވޯކްވޭތައް ހަދާފަވާއިރު، އިށީނދެލައިގެން ތިބޭނެ ގިނަ ތަންތަން ވަނީ ހަދާފައެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ އެތަނުގައި، ގިނަ އަދަދަކަށް ގަސްވެސް ވަނީ ޖަހާފައެވެ.
މާލޭގައި ހިތްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާނުގައިވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ބޮޑެތި މަރާމާރުތަކެއް ކުރުމަށް ރަސްފަންނުވެސް ބަންދުކޮށް، އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ