ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގުޅީފަޅުން ދޫކުރާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 169 މީހުންނަށް ގޯތި ހަވާލުކޮށްފިއެވެ.
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 169 ފަރާތަކަށް ވަނީ ގޯތި ހަވާލުކުރެވިފައެވެ. އަދި މި ސްކީމްގެ ދަށުން ގޯތީގެ އެއްބަސްވުމުގައި މިހާތަނަށް 2،972 މީހުންނާއެކު ސޮއިކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައިވެއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފައެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި މި ބަދަލާ ގުޅިގެން، އަލުން ގުރުއަތު ނެގުމަށް ފަހު މިހާރު ދަނީ ރަޖިސްޓްރީ ދޫކޮށް ބިންތައް ހަވާލުކުރަމުންނެވެ. މި އާ ޕްލޭނަކީ ހުރިހާ ޚިދުމަތްތަކެއް ހިމެނޭހެން އެކުލަވާލާފައިވާ ޕްލޭނެކެވެ. އެގޮތުން ދިރިއުޅުމަށާއި، ސޯޝަލް ހައުސިންއަށާއި، ތަޢުލީމީ، ސިއްޙީ، އިންޑަސްޓްރިއަލް، އަދި ސިޓީ ހޮޓާ ފަދަ ޚިދުމަތްތަކަށް ވަނީ ބިން ކަނޑައަޅާފައެވެ. މީގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ގޮތުން ގިނަ އަދަދެއްގެ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ސަރަޙައްދުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރަމުންދަނީ ބިން ސާފުކޮށް، އިން ވަކިކުރުމުގެ މަސައްކަތް ނިންމުމަށްފަހުގައެވެ. މިއީ މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
ގުޅީފަޅުން މިހާތަނަށް 100 އަށްވުރެ ގިނަ ގޯތި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ