12 ކަމެއް އިސްލާހުކުރަން ގޮވާލައި އެމްޑީޕީން ސަރުކާރާ ދެކޮޅު އިހުތިޖާޖުތަކެއް ފަށަނީ

ސަރުކާރުގެ ސިޔާސަތުތަކާއި މިހާރު ސަރުކާރުން ހިންގަމުންދާ ބައެއް ކަންކަމުގެ ތެރެއިން 12 ކަމެއް އިސްލާހުކުރަން ގޮވާލައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުތަކެއް ފަށަން އެމްޑީޕީން މިރޭ ނިންމައިފި އެވެ.
ތަފްސީލް - އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިހުތިޖާޖު އިއުލާންކުރައްވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ ވިދާޅުވީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން އެގޮތަށް ނިންމާފައިވާ ކަމަށެވެ.
ކޮމިޓީއަށް ހުށަހަޅައި ފާސްކުރި ގަރާރުގައި، މިހިނދުން މިހިނދަށް އިސްލާހުކުރަން ސަރުކާރަށް ގޮވާލާފައިވާ 12 ކަމެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން އިއްވި އެވެ. އެ ކަންކަމަކީ:
މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް، އެ ބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫއަކުރުން
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް މުރާޖައާކޮށް، ބިޑަކާނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް
ރައްޔިތުންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް އައްޔަންކުރާ މެމްބަރުން ސިޔާސީ ޕާޓީން ބޭނުންވުމުން މެމްބަރުކަމުން ވަކިކުރެވޭ ގޮތަށް އޮތް އޮތުން ބާތިލުކުރުން
ކައުންސިލުގެ ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތައް އިސްލާހުކޮށް، ކައުންސިލުތަކަށް މާލީ އަދި އިދާރީ ފުރިހަމަ މިނިވަންކަން ލިިބިދިނުން
ސަރުކާރުގެ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން؛ އޭގެތެރޭގައި އިންތިހާބާ ދިމާކޮށް މަގާމުތަކަށް މީހުން ނެގުމާއި ބިޑަކާނުލައި މަޝްރޫއުތައް ދިނުމާއި ނުހައްގުން ދީފައިވާ ގޯތީގެ މައްސަލަތައް ބަލައި ދައުވާކުރަން ގޮވާލި
ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރުމާއި ފާއިތުވި ހަ މަސް ދުވަހު ސިޔާސީ މަގާމުތަކަށް ނެގި މީހުންގެ ތަފްސީލުތައް ހާމަކުރުން
ތެލުގެ އަގު ސަބްސިޑައިޒުކޮށް މަސްވެރިންނަށް ލިބޭނެ ގޮތް ހަމަޖެއްސުން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން ވެފައިވާ ވައަދު ފުއްދައި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން
އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސުން ވަކިކޮށް އެ ދެ މުއައްސަސާގެ މިނިވަންކަން ދެމެހެއްޓޭނެ ގާބިލު މީހުން އައްޔަންކުރުން
ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެެހެއްޓުމާއި ސަރުކާރުގެ ބޭކާރު ހަރަދުތައް މަދުކުރުން އަދި މިހާރުގެ އިގްތިސާދީ ހާލަތު ދެފުށްފެންނަ ގޮތަށް ހާމަކުރުން އަވަސްކުރުން
ގައުމުގެ އިސްލާހީ ދަތުރު ހަރުދަނާ ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ލަފަޔާ އެކު ނޫނީ ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭ ގޮތަށް ހެދުން
ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓާލުމާ އެކު އީއައިއޭގެ ރިޕޯޓުތަކަށް ނުބަލައި ދޫކޮށްފައިވާ މަސްވެރިކަމުގެ ހުއްދަތައް މުރާޖައާކޮށް، އީޕީއޭގެ މިނިވަންކަމާއި ބާރުތައް ކެނޑޭ ގޮތަށް އިދާރީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލައި ފުރިހަމަ ބާރުވެރިކަން އެ މުއައްސަސާއަށް ދިނުން
"މި ކަންކަން އިސްލާހުކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން،" އިސްލާހުކުރަން ގޮވާލާ ކަންކަން އިއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރެއް ނެތް ކަމަށް ރައްޔިތުން ބުނެފައިވާތީ، ގައުމު އިސްލާހީ މަގަށް ރުޖޫއަކުރަން އިސްލާހީ ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް އެޅުން މުހިންމު ކަމަށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ