މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ޏ. ފުވައްމުލައް، ދޫޑިގަން، ގަސްދޮށުގޭ، އަބްދުލްބާސިތު، 28، ގެ މައްޗަށް ސާބިތުވެ އޭނާ 75 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑާކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން އަބްދުލްބާސިތު ހައްޔަރުކުރީ އޭޕްރީލް 27، 2024، ގަ އެވެ.
އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ ޖޫން 11، 2024، ގަ އެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސް މަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެ އެވެ.
ނެޓްވޯކްތަކަށް ނިސްބަތްވާ އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވި އެވެ.
ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަން އެ މުއައްސަސާއިން ބުންޏެވެ.
"އަބްދުލްބާސިތުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވޭ. މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވޭ،" ފުލުހުން ކުރިން ބުންޏެވެ.
ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ޓްރެފިކްކުރިކަން ސާބިތުވެ ފުވައްމުލަކު ޒުވާނަކު 75 އަހަރަށް ޖަލަށް މަސްތުވާތަކެތި ޓްރެފިކްކުރިކަން ސާބިތުވެ ފުވައްމުލަކު ޒުވާނަކު 75 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ