ގޮތްނޭގޭ ބޭސް ބޭނުން ކުރުމުން އޭގެ ނޭދެވޭ އަސަރު އުމުރަށް ކުރަން ޖެހިދާނެ

ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކޭނީ، ބޭހާއި ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން ބޭސް އެތެރެކޮށް އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެންނެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހެއެވެ.
ބޭސް އެތެރެ ކުރުމުގައި މިފަދަ ހަރުކަށި ޤަވާއިދުތައް އޮތް ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ދެއެވެ. ޑޮކްޓަރެއްގެ އިރުޝާދަކާއި ނުލައި މިގޮތަށް ވިއްކާ ބޭސް ނުވަތަ އެކިކަހަލަ ހެލްތު ޕްރޮޑަކްޓްސް ބޭނުން ކުރުމުގެ ސަބަބުން އެއިން ލިބޭ ގެއްލުން މުޅި އުމުރަށްވެސް އުފުލަން ޖެހިދާނެއެވެ.
މިގޮތަށް ވިއްކާ ބޭސްތަކުގެ ތެރޭގައި ބަރުދަން ލުއިކުރުމަށާއި ބަރުކުރުމަށް ވިއްކާ ބޭސްތަކާއި، މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ތަފާތު ބޭސްތައް އަޅާފައި ހުންނަ ތަކެތީގެ އިތުރަށް އެފަދަ އެހެނިހެން ކަންކަމަށް ބޭނުންކުރާ ބޭސްތައް ހިމެނެއެވެ. ޑޮކްޓަރެއްގެ ލަފަޔާއި، އިރުޝާދާއި ނުލައި މިފަދަ ބޭސްތައް ބޭނުން ކުރުމުން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ، ދުރުގައިވާ ކަމެއްނޫނެވެ. މިފަދަ ބޭސްތަކަކީ، ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި އެކަމަކަށް ޚާއްޞަ ޑޮކްޓަރަކު ބޭސް ލިޔެދިނުމުން ނޫނީ ބޭނުން ކޮށްގެން ވާނޭ ބޭސްތަކެއް ނޫނެވެ.
ޚާއްސަކޮށް ރާއްޖެއަކީ، މިހާރު ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ޤައުމަކަށްވާއިރު، ބައްޔެއް ތަހައްމަލު ކުރަމުން ނުދާ މީހަކުވެސް މިފަދަ ބޭސްތައް ބޭނުން ކުރުމުން ބޮޑެތި ބަލިތަކަށް ހުށަހެޅުމަކީ، އެކަށީގެންވާ ކަމަކެވެ. ކެންސަރާއި، ކިޑްނީ ބައްޔާއި މިފަދަ އެހެނިހެން ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަމެއް ދޭންޖެހެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލް އާއިޝަތު ޖަލީލާ ވިދާޅުވީ، ދުނިޔޭގެ ކުރި އަރާފައިވާ ބޮޑެތި ޤައުމުތަކުގައިވެސް މިއީ ބޮޑު މައްސަލައެއް ކަމަށާއި، އެ ޤައުމުތަކުގައި އެފަދަ ތަކެތީގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރާއިރު ނުރައްކާތެރި ބޭސްތައް އެކުލަވާލާފައިވާ ކަމަށެވެ.
" މިސާލަކަށް ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ގިނަ ޕްރޮޑަކްޓުތަކުގައި ސިބިއުޓްރިމިން ކިޔާ މާއްދާއެއް އަޅާފައި ހުރޭ. އެއީ، އޭގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން 2010 ވަނަ އަހަރު މުޅި ދުނިޔެއިންވެސް ބޭނުން ކުރުން މަނާކޮށްފައިވާ ބޭހެއް." އެމްއެފްޑީއޭގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލް އާއިޝަތު ޖަލީލާ ވިދާޅުވިއެވެ.
ރާއްޖެއަކީ، މިވަގުތު ކޮސްމެޓިކްސް ރެގިއުލޭޓް ކުރާ ޤައުމެއް ނޫނެވެ. ނަމަވެސް ރާއްޖެއަށް އެތެރެކުރާ މިފަދަ ތަކެތީގައިވެސް ނުރައްކާތެރި ބޭސް ބޭނުންކޮށްފައި ހުރެއެވެ. އެފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ދިގުމުއްދަތަކަށް އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުންތަކެއް ލިބިދާނެއެވެ. މިކަންކަމުގެ އިތުރަށް ދެން ކަންބޮޑުވުމެއް އޮތީ، ފާމަސީތަކުގެ އިތުރަށް އާންމު ފިހާރަތަކުގައިވެސް އެކި ޒާތްޒާތުގެ ބޭސްތައް ވިއްކަން ހުރުމެވެ. އާންމުކޮށް ބޭނުންކުރާ ޕެރެސެޓެމޯލް ފަދަ ބޭސްތައް އާންމު ފިހާރަތަކުގައި ވިއްކުމުގެ ހުއްދަ އޮތްނަމަވެސް ވިއްކުން މަނާ ބޭސްތައް ފިހާރަތަކުގައިވެސް ހުރެއެވެ.
"ބޭހާ ބެހޭ ޤަވާއިދުގައިވާ ގޮތުން އާންމު ފިހާރަތަކުގައި ވިއްކޭނެ ބޭހާއި ނުބެހެއްޓޭނެ ބޭސް. އާންމުކޮށް ބޭނުންކުރާ ޕެރެސެޓެމޯލް ފަދަ ތަކެތި އާންމު ފިހާރަތަކުގައިވެސް ބެހެއްޓިދާނެ. ނަމަވެސް އާންމު ފިހާރަތަކުގައި އާދައިގެ ބޭހުގެ އިތުރަށް އެހެނިހެން ބޭސްތައްވެސް ހުރޭ." އެމްއެފްޑީއޭގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލް އާއިޝަތު ޖަލީލާ ވިދާޅުވިއެވެ.
އެމްއެފްޑީއޭއިން އަންނަނީ، ރާއްޖެއަށް އެތެރެ ކުރާ ބޭސްތަކުގެ ކޮލިޓީ ކަށަވަރު ކުރަމުންނެވެ. އެގޮތުން އެ އޮތޯރިޓީއަށް ލިބޭ އެލާޓްތަކާ ގުޅިގެން ފާމަސީތަކުން ބޭސްތައް ނެގުމުގެ މަސައްކަތްވެސް ކުރެއެވެ. އަދި އޮންލައިން ޕޭޖުތައް މެދުވެރިކޮށް ވިއްކާ ތަކެތި ބަލަމުންދެއެވެ. އެ މަސައްކަތް ކުރާއިރު، އެފަދަ ތަކެއްޗަށް އަޅާފައިވާ ތަކެތި ނޭންގުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ، ހަމައެކަނި އެމްއެފްޑީއޭއިން މަނާކޮށް ނުވަތަ ފިޔަވަޅު އަޅާ ކަމެއްގެ ބަދަލުގައި މިއީ އާންމު ރައްޔިތުން އެކަމަށް ރައްކާތެރިވުން މުހިއްމު ކަންކަމެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުޅި ޖުމްލަ 594 ބޭސް ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވެއެވެ. މީގެތެރެއިން ރަޖިސްޓްރީ ކޮށްދީފައިވަނީ، 363 ބޭހެކެވެ. އަދި 231 ބޭހެއް ރިޖެކްޓް ކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޑޮކްޓަރީ ބޭސް ރަޖިސްޓްރީ ކުރުމުގެ ހުއްދަދޭއިރު، އެ އޮތޯރިޓީން ދަނީ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަވެސް ދެމުންނެވެ. އެގޮތުން މުޅިން އަލަށް މާލެ ސަރަހައްދުގައި 33 ފާމަސީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި އަތޮޅުތެރޭގައި 36 ފާމަސީއެއް ރަޖިސްޓްރީކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ފާމަސީތަކަށް ދޫކޮށްފައިވާ ހުއްދަތައް އެކިއެކި ސަބަބުތަކާއި ހެދި ވަނީ ބާތިލްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި 15 ފާމަސީއެއްގެ ހުއްދަ ބާތިލްކޮށްފައިވެއެވެ. އަދި އަތޮޅުތެރޭގައި ހިންގަމުން ދިޔަ 5 ފާމަސީއެއްގެ ހުއްދަ ބާތިލު ކުރިއެވެ. މިދިޔަ އަހަރުގެ ތެރޭގައި ޑޮކްޓަރީ ބޭސް އެތެރެކޮށް ގުދަން ކުރުމުގެ ހުއްދަ މުޅިން އަލަށް 15 ފަރާތަކަށް ވަނީ ދީފައެވެ. އަދި 30 ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ