ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވައިފިން: އީރާން

އިޒްރޭލާއި ލުބްނާނާ ދެމެދު ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލާފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، އެމެރިކާ މެދުވެރިވެގެން އިޒްރޭލާއި ލުބްނާނާ ދެމެދު 10 ދުވަހަށް ހަމަލާތައް މެދުކަނޑާލަން އިއްޔެ އެއްބަސްވުމާ ގުޅިގެން، އެ ދުވަސްވަރު އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް، ހުރިހާ އުޅަނދަކުން ވެސް އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގުތަކަކުން ދަތުރުކުރުމަށް އޭނާ އިރުޝާދު ދެއްވި އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު މަގު ބަންދުވެފައި އޮތީ ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގަ އެވެ. ކަނޑުއޮޅި ހުޅުވާލުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް %9 ދަށްވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނާ އެކު ހަނގުރާމަ ނިމުމަކަށް ގެނައުމަށް "ވަރަށް އަވަހަށް" ފުރިހަމަ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
މިދިޔަ 28 ފެބްރުއަރީގައި ފެށި މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ހަނގުރާމަ ދިގުލައިގެންދާ ނަމަ ދުނިޔޭގެ އިގްތިސާދު ހީނަރުވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ދީފަ އެވެ.
ކުރިއަށް އޮތް ތަނުގައި އެމެރިކާ އަދި އީރާނުގެ ސުލްހައިގެ ވާހަކަތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވީ ނަމަވެސް، އިންތިޒާމީ ބައެއް ދަތިތަކާ ހުރެ އެކަން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ