އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފި، ތެލުގެ އަގު ދަށަށް

އިޒްރޭލާއި ލުބުނާންގެ ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ މިއަދު ވިދާޅުވީ ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި އެ އެއްބަސްވުން ދެމިއޮންނަ މުއްދަތަށް މިހާރު އެއްކޮށް ހުޅުވާލައިފައިވާ ކަމަށެވެ.
ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ މުހިންމު ކަނޑުމަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު އީރާނުން ބޮޑުބައި ބަންދުކޮށްފައިވަނީ މިއަހަރު ފެބުރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ވައިގެ ހަމަލާ ފެށި ހިސާބުންނެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަގުން ދަތުރުކުރާ ތެލުގެ 25 އިންސައްތަ އާއި އެލްއެންޖީގެ 20 އިންސައްތަ ދައުރުވާ މަގެވެ.
އަރާގްޗީ ވިދާޅުވީ ކޮމާޝަލް ހުރިހާ އުޅަނދުތަކަށް އެއްބަސްވުން ދެމިއޮންނަ މުއްދަތުގައި ކަނޑުއޮޅި އެއްކޮށް ހުޅުވާލައިފައިވާ ކަމަށާއި، ނަމަވެސް ބޯޓުފަހަރު ދަތުރުކުރަންވާނީ ކަނޑައަޅާފައިވާ ވަކި މަގުތަކަކުން ކަމަށެވެ. އެ މަގު ބެލެހެއްޓުމުގެ ޒިންމާ އޮންނާނީ އިސްލާމީ ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ބެލުމުގެ ދަށުންނެވެ.
އީރާނުގެ އެ ނިންމުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު ދިހަ އިންސައްތަ ވެއްޓި، ފީފާއެއް ގާތްގަނޑަކަށް 85 ޑޮލަރަށް ދިޔަ އިރު، ބައިނަލްއަގުވާމީ ބްރެންޓް ކްރޫޑް އަށް އިންސައްތައަށްވުރެ ބޮޑަށް ވެއްޓި، ގާތްގަނޑަކަށް ފީފާއެއް 90 ޑޮލަރަށް ދިޔައެވެ. އެސްއެންޑްޕީ 500 އިންޑެކްސް 0.6 އިންސައްތަ އަދި ނެސްޑެކް 1 އިންސައްތަ އުފުލި، ދެ އިންޑެކްސް ވެސް ތާރީހީ އެންމެ މަތީ ހިސާބަށް ވާސިލުވިއެވެ.
އީރާނުގެ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވި ނަމަވެސް، ސުލްހައިގެ އެއްބަސްވުމެއް ނެރެވެންދެން އީރާނުގެ ބަނދަރުތަކުގެ މައްޗަށް އެމެރިކާ ނޭވީ ފުރިހަމައަށް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ. އީރާނުގެ އަހަރީ ކަނޑުމަގު ވިޔަފާރީގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް ދައުރު ވަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ. އެމެރިކާ ނޭވީގެ ސަބަބުން އީރާނަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 435 މިލިއަން ޑޮލަރުގެ ގެއްލުންވާ ކަމަށް އަންދާޒާކުރެވެއެވެ.
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އާއި އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުން މަރުހަބާ ވިދާޅުވެފައެވެ. އެ ދެ ލީޑަރުން ޕެރިހުގައި ބޭއްވި ސަމިޓެއް ކުރިއަށްގެންދެވީ 49 ގައުމެއްގެ ބައިވެރިވުމާ އެކުއެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވީ ތެހެރާނުން ވަގުތީ އެއްބަސްވުމެއް ބަލައިނުގަންނަ ކަމަށާއި، މުޅި ސަރަހައްދު ޝާމިލުވާ ފުޅާ ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ދެ ހަފުތާގެ އެއްބަސްވުން އަންނަ އަންގާރަ ދުވަހަށް ހަމަވާނެއެވެ.
ފެބުރުއަރީ 28 ވަނަ ދުވަހު ފެށުނު އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގައި 3,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ފޮރެންސިކް އިދާރާއިން ބުނެފައިވެއެވެ. ލުބުނާނުގައި 2,100 އަށްވުރެ ގިނަ މީހުން، ގަލްފު ގައުމުތަކުގައި 32 މީހުން، އަދި އިސްރޭލުގައި 23 މީހުން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ