ކެނދިކުޅުދޫ ކޮޅަށް ޖެހި 13 ލަނޑާއެކު މާޒިޔާއަށް ރެކޯޑު މޮޅެއް
މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026 ގައި މާޒިޔާ ޖޫނިއާސް އިން ބޮޑު މޮޅަކާއެކު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި މުބާރާތް ބާއްވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް އަތުން މާޒިޔާ މޮޅުވީ 13-0 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ. މި މެޗުގައި މާޒިޔާގެ އައިދު މުހައްމަދު ޖަވާޒް ހެޓްރިކެއް ފުރިހަމަކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އެޓީމުގެ އަނޫފް، ނާޝިއު، އައިހަމް އަދި ނައްސާހް ކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފައެވެ. މީގެ އިތުރުން އައިދަން އަހުމަދު މޫސާ ވެސް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި ނަތީޖާއާއެކު މާޒިޔާ އިން ގްރޫޕް ސްޓޭޖުގެ ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްފައިވާއިރު، ގްރޫޕް އޭގެ ދެވަނަ ޖާގައަށް އޮތީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. މިވަގުތު ހަތަރު ޕޮއިންޓާއެކު އޮތް ޖިބިއްލީ ސްޕޯޓްސް ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބް މިރޭ ބައްދަލުކުރާ މެޗަކީ ސެމީގެ ފަހު ޖާގަ ކަށަވަރުވާނެ މެޗެވެ. އަލިފުއްޓަށް ސެމީގެ އުންމީދު އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ. ގްރޫޕް އޭއިން މުބާރާތާ ވަކިވާން ޖެހުނީ ކުޅުނު ހުރިހާ މެޗަކުން ބަލިވި ކެނދިކުޅުދޫ ޓީމަށެވެ. ގްރޫޕް ބީގެ ކުޅުން ނިމިފައިވާއިރު، އެ ގްރޫޕުން ސެމީގެ ޖާގަތައް ކަށަވަރުކުރީ އެއްވަނަ ހޯދި ނައިފަރު ޗެލްސީ އާއި ދެވަނަ ހޯދި އެފްސީ މާފަރެވެ. މިރޭގެ މެޗަށް ފަހު ސެމީ ފައިނަލުގައި ވާދަކުރާނެ ހުރިހާ ޓީމުތަކެއް ކަށަވަރުވާނެ އެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޭޕްރީލް 27 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ