ގަވާއިދާ ހިލާފަށް މައްކާއަށް މީހުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފި
ހައްޖުވުމުގެ ހުއްދަ ނެތި މައްކާއަށް ބަޔަކު ވައްދަން އުޅުނު މައްސަލައެއްގައި ސައުދީ އަރަބިއާއި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ. ސައުދީ މީހާ ހައްޔަރު ކުރީ ހައްޖުގެ ހުއްދަ ނެތް ތިން މީހުން މައްކާއަށް ގެންދިޔުމުގެ ކުށުގައެވެ. މިސްރު މީހާ ހައްޔަރު ކުރީ ހައްޖުގެ ގަވާއިދާ ހިލާފަށް ވިސާ ހޯލްޑަރެއް ގެންގޮސް، މައްކާއަށް އެތެރެވުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރި މައްސަލައިގައެވެ. ހުއްދަ ނެތި ހަ މީހަކު މައްކާއަށް ގެންދަން އުޅުނު މިޔަންމާ މީހަކު ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހިފަހައްޓާފައެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ހައްޖުގެ ގަވާއިދުތަކާއި އިރުޝާދުތަކާ ހިލާފަށް މައްކާއަށް މީހުން ގެންނަން މަސައްކަތް ކުރި މައްސަލައިގައެވެ. ސައުދީގެ އިންޓީރިއާ މިނިސްޓްރީން ކުރިން އިންޒާރު ދީފައިވާ ގޮތުގައި އޭޕްރީލް 19 އިން ފެށިގެން މެއި 31 ވަަނަ ދުވަހުގެ ނިޔަލަށް އަށް އެއްވެސް ބާވަތެއްގެ ވިޒިޓް ވިސާއެއް ގެންގުޅޭ މީހުން މައްކާ އާއި ހުރުމަތްތެރި ތަންތަނަށް ގެންދާ ކޮންމެ މީހަކު ގިނަވެެގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރާނެއެެވެ. ހުއްދަ ނެތި ހައްޖުގެ އަޅުކަން އަދާކުރަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްޗަށް ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އޭޕްރީލް 19 އިން މެއި 31 އަށް މައްކާ ސިޓީ އާއި ހުރުމަތްތެރި އެހެން ތަންތަނަށް ވަންނަ ނުވަތަ އެތެރެވާން ނުވަތަ މަޑުކުރަން މަސައްކަތް ކުރާ ހުރިހާ ބާވަތެއްގެ ވިޒިޓް ވިސާ ގެންގުޅޭ ފަރާތްތަކަށް ވެސް ހަމަ މި އަދަބު ދޭން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ