ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާ ބިލު ސަރުކާރުން ފޮނުވި ގޮތަށް މަޖިލީހުން ފާސްކޮށްފި ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާ ބިލު ސަރުކާރުން ފޮނުވި ގޮތަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ނެގި ވޯޓުގައި އެ ބިލު ފާސްކުރީ 72 މެންބަރުންގެ ވޯޓާއެކު އެވެ. ރިޔާސަތުން ވެސް މި ވޯޓުގައި ބައިވެރިވި އެވެ.
އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ. މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރުމުން އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފައިވާތީ އެ ޕާޓީން ވަނީ ވޯޓު ބޮއިކޮޓުކޮށްފަ އެވެ.
އެ ބިލު ކޮމިޓީން ފާސްކުރީ ވެސް އެންމެ ފަސް މިނެޓުންނެވެ. މަޖިލީހުން ބިލު ފާސްކުރީ ވެސް ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި ބިލާއި ގުޅޭގޮތުން އަދަދު އާއި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީ މަޖިލީހުން ފާސްކޮށް ބިލު ތަސްދީގުކޮށް ފޮނުވުމުން ކަމަށެވެ.
އެ ހިސާބުން މުއިއްޒު އެ ބިލާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި ރައްޔިތުންގެ ތާއީދު މިކަމަށް ނުލިބިއްޖެނަމަ ބިލު ބާތިލުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުން ފާސްކޮށް، އަންނަ އެޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގޭނީ މި މަހު 18، ގެ ކުރިން ގާނޫނު ބަދަލުކޮށްގެން ކަމަށެވެ.
މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ