އިންޑިއާއިން ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށް ރައީސްގެ ޝުކުރު

އިންޑިއާ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުވެސްމެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް އިންޑިއާއަށް ވިދާޅުވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ޝުކުރު ދަންނަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ދަތުރުގެ ތެރެއިން އިންޑިއާގެ ރައީސާއި ބޮޑުވަޒީރާއެކު ބޭއްވިގެންދިޔައީ ވަރަށް މުހިއްމު ބައްދަލުވުންތަކެއްކަމަށާއި، އެ ބައްދަލުވުންތަކުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތްތަަނުގައި ދެ ޤައުމުން ގުޅިގެން އިޤްތިޞާދީ އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕަކަށް މަސައްކަތްކުރައްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ