މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސިނާއަތް ސިންދަފާތުކޮށް ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ގޮވާލައްވައިފިއެވެ.
ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން ޕާޓާއާ ގުޅިގެން "ނެވިގޭޓް: ދަ ކޮންފްލިކްޓް ޕްލޭބުކް ފޯ ޓްރެވަލް – އެޑެޕްޓް، ޕިވޮޓް، ލީޑް"ގެ ނަމުގައި ބޭއްވި ވެބިނާގައި ޗެއާޕާސަން އަބްދުﷲ ގިޔާސް ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ.
ޗެއާޕާސަން ގިޔާސް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖެއަކީ މެދުއިރުމަތީގެ އޭވިއޭޝަން ހަބްތަކަށް ބަރޯސާވާ ގައުމަކަށް ވުމުން، މި ބަދަލުތަކުގެ އަސަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށާއި އާމްދަނީއަށް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދަތުރުފަތުރުގެ ގުޅުންތައް ދެމެހެއްޓުމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްޓަކައި، އެއާލައިންތަކާއި ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުނު. މިއާއެކު އިސްލާހީ ބަދަލުތައް ތަންފީޒުކުރުން އަވަސްކޮށް ފަތުރުވެރިކަން އެކި ދާއިރާތަކުން ފުޅާކޮށް ޕްރިމިއަމް ދާއިރާތަކަށް ރާއްޖޭގެ މާކެޓް ފުޅާކުރުން މުހިންމު" ގިޔާސް ވިދާޅުވިއެވެ.
މި ވެބިނާގައި ޓޫރިޒަމް އިކޮނޮމިކްސްގެ ހެޑް އޮފް އޭޕީއޭސީ އެނަލިސިސް މައިކަލް ޝޫރީ ވަނީ މާކެޓް ދިރާސާއެއް ހުށަހަޅުއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ފަތުރުވެރިކަން އަލުން ކުރިއަރަމުން އައުމަކީ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭނެ ފުރުސަތެކެވެ. ނަމަވެސް މި ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ އަގުތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ވެބިނާގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިންގެ ޝައުޤުވެރިކަން ބަދަލުވަމުންދާ ގޮތްތަކާ ބެހޭގޮތުން ތަޖުރިބާކާރުން މަޝްވަރާކުރެއްވިއެވެ. އީ-ޓޫރިޒަމް ފްރޮންޓިއާސްގެ ސީއީއޯ ސާރާ މެތިއުސް އާއި މާކެޓިން ޑިރެކްޓަރ އެލިޒަބަތު ކުކް ވަނީ، ދަތި ހާލަތްތަކުގައި މާކެޓް ކުރިއަރުވާނެ ގޮތްތަކާއި މުއާސަލާތީ ގޮތުން ސަމާލުވާންޖެހޭ ކަންކަމާ ބެހޭގޮތުން ޢަމަލީ އިރުޝާދުތައް ދެއްވާފައެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް، ޑަބްލިއުޓީޓީސީއިން އަންދާޒާކުރާ ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމަށް ދުވާލަކު 600 މިލިޔަން ޑޮލަރުގެ ގެއްލުން ދަނީ ވަމުންނެވެ. މިކަމަށް ރިއާޔަތްކޮށް، ވިޒިޓް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އިގްތިސާދު ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވީއެމްސީ އާއި ޕާޓާ ގުޅިގެން ބައިނަލްއަގުވާމީ މާކެޓިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
"ފަތުރުވެރިކަން ސިންދަފާތުކޮށް, ކުރިއެރުވުމަށް އަވަސް ފިޔަވަޅުތަކެއް މުހިންމު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ