މެލޭޝިޔާގެ އައު ބޮޑުވަޒީރު އަންވަރު އިބްރާހީމަކީ ކާކު؟

މެލޭޝިޔާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ކުއަލަ ލުމްޕޫރުގައި ހުންނަ ޤައުމީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި 75 އަހަރުގެ އަންވަރުގެ އަނބިކަނބަލުން ވަން ޢަޒީޒާ ވަން އިސްމާޢީލު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ އަންވަރު ދިގު އިންތިޒާރެއްގެ ނިމުން ފާހަގަ ކުރާ ތާރީޚީ ދުވަހެވެ. މި މަޤާމު ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރައްވާތާ މިހާރު 30 އަހަރު ފާއިތުވެއްޖެއެވެ. އޭގެ ތެރެއިން 10 އަހަރު އޭނާ ހޭދަ ކުރައްވާފައި ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ.
އަންވަރުގެ ސިޔާސީ ހަޔާތް ފެށީ ޒުވާން ދުވަސްވަރުއެވެ. އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (ޔޫ.އެމް.އެން.އޯ) ޕާޓީއާއެވެ. އެއީ، މިހާރު ވެރިކަން ކުރާ ބާރިސާން ނޭޝަނަލް އެލަޔަންސް ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.
އަންވަރު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި މި ވަނީ މެލޭޝިޔާގެ ސިޔާސީ މަސްރަޙު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓެމުން ދިޔަ ދަނޑިވަޅެއްގައެވެ. އެ ޤައުމުގެ ޢާންމު އިންތިޚާބުގައި އެއްވެސް ފަރާތަކަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
އިންތިޚާބުގައި އޭނާގެ "އެލަޔަންސް އޮފް ހޯޕް" ޕާޓީއާ އެންމެ ގާތުން ވާދަކޮށްފައި ވަނީ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންގެ "ނޭޝަނަލް އެލަޔަންސް" ޕާޓީންނެވެ. އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ އަޤުލަބިއްޔަތު ލިބޭ ވަރަށް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އަންވަރުގެ ޕާޓިންނެވެ.
1990ގެ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އަދި، 2018ވަނަ އަހަރު އޭނާ ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމާ ވަރަށް ގާތް ޖެހިވައިގަންނަވާފައެވެ. ނަމަވެސް، އެ ދެމެދުގައި ހިނގި އަހަރުތައް އޭނާ ހޭދަ ކުރައްވާފައި ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައެވެ. އޭނާ ޖަލަށް ލާފައި ވަނީ ޖިންސީ ކުށަކާއި ކޮރަޕްޝަންގެ މައްސަލައެއްގައެވެ.
މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމާ އަންވަރު ހަވާލުވެ ވަޑައިގަންނަވާފައި މި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވަޢުދާ އެކުއެވެ. އަދި، ނަސްލީ ތަފާތު ކުރުންތައް ވެސް ނައްތައިލުމަށާއި، މެލޭޝިޔާގައި އުފެދިފައިވާ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތައިލާ، ބައިބައިވުންތައް ހައްލު ކުރާނެ ކަމުގެ ވަޢުދާ އެކުއެވެ.
މެލޭޝިޔާގެ 33 މިލިޔަން މީހުންގެ އާބާދީއަށް ބަލައިލާއިރު މީގެ ތެރެއިން 70 އިންސައްތައަކީ މެލޭ ދަރިކޮޅުގެ މީހުންނެވެ. މީގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އެ ޤައުމުގެ އާބާދީގައި ބާކީ ދެން ތިބީ ޗައިނާ ދަރިކޮޅާއި އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ. މި ދަރިކޮޅުތަކުގެ މެދުގައި ޒަމާނުއްސުރެ އޮތް ތަފާތު ކުރުންތައް ނައްތައިލައްވާނެ ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ