ޖޭޕީގެ ލީޑަރުގެ މަގާމު އުވާލަން ގާސިމް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމާއި ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމު އުވާލަން އެޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހަޅުއްވައިފި އެވެ.
ގާސިމް ހުށަހަޅުއްވާފައި ވަނީ ޕާޓީގައި މިވަގުތު އޮތް ލީޑަރުގެ މަގާމާއި ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމު އުވާލައި ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައި ހަމަޖައްސާށެވެ. އަދި އޭގެ އިތުރުން، ނާއިބު ރައީސުންގެ ގޮތުގައި ފަސް ބޭފުޅަކު އިންތިހާބު ކުރުމަށް ވެސް މިި އިސްލާހުގައި ހުށަހަޅުއްވާފައިވެއެވެ.
ގާސިމް ގެ މި އިސްލާހުތައް، ފެބްރުއަރީ 24، 25 ދެ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ޖޭޕީގެ ކޮންގްރެސްއަށް ހުށައަޅަން މިހާރު ވަނީ ކަައުންސިލަށް ފޮނުވާފަ އެވެ. 
Advertisement
ޖޭޕީގެ އުސޫލުގައި ވާގޮތުން މި ބަދަލު ގެނެވޭނީ ކޮންގްރެސް އަށެވެ. ނަމަވެސް ކޮންގްރެސްއަށް ގެންދެވޭނީ ޕާޓީގެ ކައުންސިލަށް އިސްލާހުތައް ހުށައަޅާ ކައުންސިލްގެ އަޣުލަބިއްޔަތުން ކޮންގްރެސްއަށް ފޮނުވަން ނިންމާ އިސްލާހުތަކެވެ.
1. ލީޑަރު - ގާސިމް އިބްރާހިމް
2. ޑެޕިއުޓީ ލީޑަރު - އަމީން އިބްރާހިމް
3. ޑެޕިއުޓީ ލީޑަރު - ޑރ. ހުސައިން ރަޝީދު ހަސަން
4. ޑެޕިއުޓީ ލީޑަރު - އަހުމަދު ފަޔާޒް (އެފްއޭ) 
5. ޑެޕިއުޓީ ލީޑަރު - އަބްދުﷲ އަމީން
6. ރައީސް - އަލީ ވަހީދު
7. ނާއިބު ރައީސް - އަހްމަދު ސައުދު
ޕާޓީގެ ލީޑަރޝިޕަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ގާސިމް ނިންމަވާފައިވާ ސަބަބެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް، ޕާޓީގެ ރައީސް ގެ މަގާމުގައި މިވަގުތު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ނިސްބަތް ކޮށް ބޭއަދަބީ ވާހަކަތަކެއް ދެއްކެވި ވާހަކަ ތަކެއް ވަނީ މީގެ ކުރިން ލިކުވެފައެވެ. އަދި މީގެ އިތުރުން، އޭނާ ޓޫރިޒަމް މިނިސްޓަރު ގެ މަގާމުގައި ހުރި އިރު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އެ މައްސަލަ ތަކުގައި އޭނާ ޕާޓީން ވަކިކޮށްފައެއް ނުވެއެވެ. 
މީގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ފަޔާޒް (އެފްއޭ) ވެސް މިވަގުތު ހުންނެވީ ޕާޓީއާއި ދުރުގައެވެ. 
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައިވާ ތާރީޚަށް އެޕާޓީގެ ހުރިހާ ލީޑަރުންގެ ދައުރު ހަމަވާނެއެވެ. އެހެންކަމުން ކޮންގްރެސް ގެ ތެރެއިން މަގާމުތަކަށް އަލުން ލީޑަރުން އައްޔަން ކުރުންވެސް ކުރިއަށް ދާނެއެވެ. އެއަށްފަހު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއިމެދުވެސް ޕާޓީން ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް މީގެ ކުރިން "ވޮއިސް" އަށް މައުލޫމާތު ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ