ވެއްޓުނު ހާދިސާގެ ތަހުގީގު ކުރަނީ އާންމު އުސޫލުން ބޭރުން: އެމްޑީޕީ

މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ތަހުގީގު އާންމު އުސޫލުން ބޭރުން، ހާއްސަ ގޮތަކަށް އަދި މައުލޫމާތު ހިފަހައްޓައިގެން ކުރިއަށްގެންދިއުމުގެ ސަބަބުން އިންސާފު ހޯދުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.
އެ ޒުވާނާ ކޮއްޕާ ވައްޓާލީ ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް އެ ތުހުމަތު އަމާޒުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.
ނަމަވެސް، ފުލުހުން ބުނީ އެ އަންހެން މީހާ ނުވަ ވަނަ ބުރިން ވެއްޓުނީ މީހަކު ކޮއްޕާލައިގެން ނޫންކަން ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - އެ ހާދިސާގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ތަހުގީގު ކުރިއަށް ގެންދާ ގޮތުން މި ހާދިސާގައި އިންސާފު ލިބެން ހުރަސްތަކެއް ހުރި ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"ވަކި ފަރާތަކަށް ޖެހުމެއް ނެތި، ޒާތީ ތައައްސުބުން އެއްކިބާވެ، ފަސްޖެހުމެއް ނެތި ހަމަހަމަ ގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ތަންފީީޒު ކުރުމަކީ ފުލުހުންގެ ގާނޫނީ ވާޖިބަކަށްވާއިރު، މި ހާދިސާއާ ގުޅޭ ބައެއް މައުލޫމާތު ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކޮށްފައިވުމަކީ އެ އިދާރާގެ ފަރާތުން ފެނުނު ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ތަފްސީލު - އޭގެ އިތުރުން އެމްޑީޕީން ބުނި ގޮތުގައި:
މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު މީގެ ކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާ ހިލާފަށް ފުލުހުން އަމަލުކުރަމުންދާކަން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ފާހަގަކުރުމަކީ ބޮޑު ކަންބޮޑުވުމެއް
ތަހުގީގުގައި އާންމު އުސޫލުން ބޭރުން، ހާއްސަ ގޮތަކަށް ފުލުހުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާއިިރު، ފުލުހުންގެ މެދުގައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް އެ ޕާޓީން ގޮވާލި
"[އެމްޑީޕީން] ފުލުހުންގެ އިދާރާއަށް ގޮވާލަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް ކުރިއަށް ގެންގޮސް، ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ،" އެ ބަޔާނުގައި އެމްޑީޕީން ގޮވާލާފައިވެ އެވެ.
"މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާ ނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ."
އޭގެ އިތުރަށް ރާއްޖޭގައި މަސްތުވާތަކެތި އާންމުވެ، އެ ވަބާގައި ޒުވާނުން ޖެހި، އިޖުތިމާއީ ފޭރާން ވީރާވާވަމުން އަންނަކަން ފާހަގަކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، އެ ވިޔަފާރި ކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ