ވިނީޝިއަސްއަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ބިރު

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއާ ޕްރޮފެޝަނަލް ފުޓްބޯޅައިން ދެ އަހަރަށް ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުގައި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއިން އަންނަނީ ވިނީޝިއަސް ފުޓްބޯޅައިގެ ބައިނަލްއަޤްވާމީ ގަވައިދުތަކާއި ހިލާފަށް ގިނަ ކްލަބްތަކެއް ހިންގުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ތަހުގީގެއް ކުރިއަށް ގެންދަމުންނެވެ. ބުނެވޭގޮތުގައި ވިނީޝިއަސް އަންނަނީ ޕްރޮފެޝަނަލް ދެ ކްލަބެއްގެ ހިންގުމުގައި ހަރަކާތްތެރިވަމުންނެވެ. މިއީ ފުޓްބޯޅައިގެ ވާދަވެރިކަން ދެމެހެއްޓުމަށް ޓަކައި ފީފާއިން އެކުލަވާލާފައިވާ ކޯޑް އޮފް އެތިކްސްއާ ޚިލާފު ކަމެކެވެ. ފީފާގެ ސަމާލުކަމަށް މި ކަން އައިސްފައިވަނީ ބްރެޒިލްގެ ޓިބެރިސް ހޯލްޑިން ޑޮ ބްރެސީލް އިން ފީފާގެ އެތިކްސް ކޮމިޓީއަށް މި މަހުގެ ހަތްވަނަ ދުވަހު ހުށަހެޅި މައްސަލަ އަކާ ގުޅިގެންނެވެ. ޓިބެރީސްއަކީ ވަރަށް ފަހުން ބްރެޒިލްގެ ސެރި ބީއަށް ޕްރޮމޯޓްވި އެތުލެޓިކް ކްލަބް އޮފް ސައޮ ޖާއޮ ޑެލް ރެއި 16.5 އިންސައްތަ ހިއްސާ ކުރިން ކޮންޓްރޯލްކުރި ބައެކެވެ. އެ ކުންފުނިން ތުހުމަތު ކުރާ ގޮތުގައި އެ ކްލަބްގެ ހިއްސާ ގަނެވިއްކުމުގެ ވިޔަފާރިއެއްގައި އެކުންފުނި ބައިޕާސްކޮށް އެ ކްލަބްގެ މެޖޯރިޓީ ހިއްސާ ވިނީޝިއަސް އާއި އޭނާގެ ބައްޕަގެ ކުންފުންޏެއްކަމަށްވާ އޯލް އެޖެންސިއަމެންޓޯ އެސްޕޯޓިވޯއަށް ވަނީ ޓްރާންސްފާ ކޮށްފައެވެ. މީގެއިތުރުން ފީފާގެ ކަންބޮޑުވުންތައް އިތުރުވެގެންދިޔައީ ޕޯޗުގަލްގެ ކްލަބެއްކަމަށްވާ އަލްވާސާ އާއި ވިނީޝިއަސް އާއި ގުޅުންތަކެއް ހުރިކަމަށް ޝައްކު ކުރެވެން ފެށުމުންނެވެ. އަދި ވަރަށް ފަހުން ބްރެޒިލްގެ ސައޮ ޖާއޮ ޑެލް ރެއި އިން އަލްވާސާ އަށް ބަދަލުވި ފަރައެލް ކޮންސެއިސާއޯގެ ޓްރާންސްފާވެސް ވަނީ ފީފާގެ ސަމާލުކަމަށް އައިސްފައެވެ. ފީފާގެ ގަވައިދު ބުނާގޮތުން ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިޔަކަށް ޕްރޮފެޝަނަލް ގިނަ ކްލަބް ތަކެއް ގަނެ ނުވަތަ ހިއްގުމުގައި ހަރަކާތް ތެރިވުމަކީ މަނާކަމެކެވެ. އަދި މިކަން ކުރާ ކުޅުންތެރިޔަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ ދެ އަހަރަށް ކުޅުމުން ސަސްޕެންޑް ކުރުމެވެ. އަދި މިތުހުމަތު ސާބިތު ވެއްޖެނަމަ ވިނީޝިއަސް ސަސްޕެންޑް ވުމުގެ އިތުރުން ބޮޑު ޖޫރިމަނާއެއް ދެއްކުމުގެ އިތުރުން އޭނާ ކޮންޓްރޯލް ކުރާ ޝެއާގެ ތެރެއިން ބައެއް ދޫކޮށްލުމަށް ބާރު އެޅިގެންދިއުން ހިމެނެއެވެ. މިތުހުމަތު މިހެން އޮތް ނަމަވެސް އޭނާ މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑުން އަންނަނީ ވިނީޝިއަސް އާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ވިނީޝިއަސް ވެސް ވަނީ ރެއާލްގައި މަޑުކުރުމަށް ޓަކައި ސައުދީ އަރަބިއާގެ ޕްރޯ ލީގުން އައިސްފައިވާ ބޮޑު ހުށަހެޅުމެއް ވެސް ދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ